ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕްގައި ހިމެނިވަޑައިގަންނަވާ ތިމަރަފުށި ދާއިރާގެ މެންބަރު އަހްމަދު ޝަރީފް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ޕާޓީ، ގައުމީ އިއްތިހާދު ޕާޓީއަށް ސޮއި ކުރައްވައިފި އެވެ.

ޝަރީފް ވަނީ ގައުމީ އިއްތިހާދު ޕާޓީން ސޮއި ކުރައްވައި، ރޭ ބޭއްވި އެ ޕާޓީގެ ޖަގަހައިގެ ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާފަ އެވެ. އެ ޖަލްސާގައި ވާހަކަ ދައްކަފުޅުދައްކަވަމުން ޝަރީފް ވަނީ އޭނާ ގައުމީ އިއްތިހާދު ޕާޓީއާ ގުޅިވަޑައިގެންނެވި ސަބަބު ބަޔާންކޮށްދެއްވާފަ އެވެ.

ގައުމީ އިއްތިހާދު ޕާޓީގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވީ އެ ޕާޓީއާ ރަސްމީކޮށް ޝަރީފް ގުޅިވަޑައިގެންފައިވާ ކަމަށާއި ނަމަވެސް ޝަރީފް ސޮއި ކުރެއްވުމާއި ގުޅިގެން ބާއްވާ ހާއްސަ ރަސްމިޔާތު އަންނަ މަހުގެ އަށް ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ކަމަށެވެ.

ޕީޕީއެމަށް ރައްޔިތުން މަޖިލީހުގައި މަސައްކަތް ކުރުމުގެ ރަސްމީ ހައިސިއްޔަތު ލިބުނީ ތިމަރަފުށީ ބައި އިލެކްޝަންގައި ޕީޕިއެމްގެ ޓިކެޓްގައި ނިކުމެވަޑައިގެން ޝަރީފް އިންތިހާބު ކާމިޔާބުކުރެއްވުމުންނެވެ.

ނަމަވެސް ޝަރީފް ވަނީ ޕީޕީއެމް އިން ވަކިވެވަޑައިގެންފައި ވަނީ ތިމަރަފުށީ އެއާޕޯޓުގެ މަސައްކަތް ހުއްޓުވާލުމަށް ޕީޕީއެމްގެ ތެރެއިން ބައެއް މީހުން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރެއްވުމަށްފަހު އެވެ.