30 May 2013, 10:23
ވާހަކަ ދެއްކުމުގެ ގައުމީ މުބާރާތުގެ މި އަހަރުގެ ތަށި އިސްކަންދަރު ސްކޫލާއި ސެންޓަ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ހޯދައި އިބްރާހިމް ޝިހާބްގެ ވާދައިގެ ދަށި އެ ދެ ސްކޫލުން މިލްކްކޮށްފި އެވެ.
ވާހަކަ ދެއްކުމުގެ 28 ވަނަ ގައުމީ މުބާރާތުގެ އިބްރާހިމް ޝިހާބުގެ ވާދައިގެ ތަށި އިސްކަންދަރު ސްކޫލުން މިލްކްކޮށްފައި ވަނީ 13 އަހަރުން ދަށުގެ އުމުރުފުރައިންނެވެ. އިސްކަންދަރު ސްކޫލުން ވަނީ ވޭތުވެ ދިޔަ ދެ އަހަރު ވެސް އެ އުމުރުފުރަ އިން އެއް ވަނަ ހޯދައިފަ އެވެ.
އިބްރާހިމް ޝިހާބްގެ ވާދައިގެ ތަށި ސީއެޗްއެސްއީން މިލްކްކޮށްފައި ވަނީ 16 އަހަރާއި 21 އަހަރުން ދަށުގެ އުމުރުފުރައިންނެވެ. ވޭތުވެ ދިޔަ ދެ އަހަރުގައި ވެސް ސީއެޗްއެސްއީން ވަނީ އެ އުމުރުފުރާއިން އެއް ވަނަ ހޯދައިފަ އެވެ.
މި އަހަރު ބޭއްވި ގައުމީ ވާހަކަ ދެއްކުމުގެ މުބާރާތުގައި 13 އަހަރާއި 16 އަހަރާއި ދެމެދުގެ އުމުރުފުރަ އިން އެއް ވަނަ ހޯދާފައި ވަނީ މަޖީދީއްޔާ ސްކޫލެވެ. މަތީ ތަޢުލީމްގެ ބައިން އެއް ވަނަ ހޯދާފައި ވަނީ ކުއްލިޔަތުއްދިރާސާތުލް އިސްލާމީއްޔާ އެވެ.
ކުއްލީޔަތުއްދިރާސާތުލް އިސްލާމިއްޔާގައި ރޭ ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުހުގެ ކައުންސެލް ޖެނަރަލް ފާތިމަތު ފިލްޒާ ވިދާޅުވީ ގައުމީ ވާހަކަ ދެއްކުމުގެ މުބާރާތުގެ ސަބަބުން ގިނަ ވާހަކަ ދެއްކުންތެރިން އުފެދިގެންގޮސްފައިވާ ކަމަށެވެ. އަދި ވާހަކަ ދެއްކުންތެރިންނަކީ މޮޮޅު ބަސްކޮށާރެއް ބޭނުން ކޮށްގެން ވާހަކަ ދައްކާ ބައެއް ކަމަށް ފިލްޒާ ވިދާޅުވި އެވެ.
ފިލްޒާ ވިދާޅުވީ ދިވެހިބަހުގެ އެކަޑަމީއަކީ ވަރަށް ބޮޑު ޒިންމާއެއް އުފުލަން ޖެހޭ ބައެއް ކަމަށެވެ. އެގޮތުން ދިވެހި ބަސް އުވިޔަ ނުދީ ދިވެހި ބަހުގެ ގަވާއިދުގެ ތެރެއިން ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް ވެސް މަސައްކަތް ކުރުމަށް ބާރު އެޅުމަކީ ދިވެހި ބަހުގެ އެކަޑަމީގެ ގާނޫނީ ވާޖިބެއް ކަމަށް ފިލްޒާ ވިދާޅުވި އެވެ. އަދި ދިވެހި ބަސް ބޭނުން ކުރާނޭ އެކަށީގެންވާ ގަވާއިދެއް ދިވެހި ބަހުގެ އެކަޑަމީން ހަދައި އެ ގަވާއިދު ތަންފީޒު ކުރުމަށް ހުރިހާ މުއައްސަސާ އަކުން ވެސް މަސައްކަތް ކުރުމަށް ދިވެހި ބަހުގެ އެކަޑަމީން ބާރުއަޅަން ޖެހޭނެ ކަމަށް ފިލްޒާ ވިދާޅުވި އެވެ.
ވާހަކަ ދެއްކުމުގެ 28 ވަނަ ގައުމީ މުބާރާތުގައި 144 ފަރާތަކުން ވާހަކަ ދައްކާފައިވެ އެވެ. މީގެ އިތުރުން އޮފީސް ކުންފުނި ޖަމިއްޔާ ޖަމާއަތްތަކުގެ ބައިގައި ހަތަރު ޖަމިއްޔާއަކުން ބައިވެރިވެ ބަހުސްކޮށްފައިވެ އެވެ. މުޅި ޖުމްލަ 156 ބައިވެރިން މި ފަހަރުގެ މުބާރާތުގައިބައިވެރިވެފައިވެ އެވެ.