30 May 2013, 09:46
އެމްޓީސީސީއިން ހަދާ ބަނދަރުތަކުގައި ބޮޑު ހިލައިގެ ބަދަލުގައި އެހެން ޓެކްނޮލޮޖީއެއް ބޭނުންކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެމްޓީސީސީއިން ރޭ ބޭއްވި އެ ކުންފުނީގެ 2012 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރެއްގެ ސުވާލަކަށް ޖަވާބުދެއްވަމުން ސީއީއޯ އަހްމަދު ޑރ.އަދުހަމް އަބްދުﷲ ވިދާޅުވީ އެ ކުންފުނީގެ އެންމެ ބޮޑު ވިޔަފާރިއަކަށްވެފައި ވަނީ ބަނދަރު ހެދުމުގެ މަސައްކަތްކަމަށެވެ. އެއްގައުމުން ގެންނަ ރޯ މެޓީރިއަލްއަށް ބަރޯސާވުން ދޫކޮށްލަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޑރ. އަދުހަމް ވިދާޅުވީ ބޮޑު ހިލަ ލިބުމުގެ ދަތިކަން މިހާރު އެ ކުންފުއްޏަށް ދިމާވެފައިވާތީ ބޮޑުހިލައިގެ ބަދަލުގައި އެހެން ޓެކްނޮލޮޖީއެއް ބޭނުންކުރުމަށް މިހާރު މަސައްކަތްކުރަމުންދާ ކަމަށެވެ.
"އިންޑިއާއިން ހިލަ ގެންނަ އަގަށް އަޅުގަނޑުމެން މިހާރު މިތިބީ އެތައް އަހަރެއް ވުމުން ހޭނިފައި. އެހެންކަމުން ކޮންސެޕްޓްތަށް ބަދަލުކުރުމަކީ ވެސް ވަރަށް ދަތިކަމަކަށް މިވަނީ. އަޅުގަނޑުމެން ވަރަށް ބުރަކޮށް އެމަސައްކަތް ކުރަން އެހެން ގައުމުތަކުން ބޮޑު ހިލަ ލިބޭތޯ. އަދި މިހާރު ވެސް ހައުސިން މިނިސްޓްރީއާއެކު ވާހަކަ ދައްކަމުން މިދަނީ އެހެން ޑިޒައިނަކަށް ދިއުމަށް. އެއީ ޓެޓްރާފޮޑް ވިޔަސް އަދި އެހެން ކަހަލަ ޑިޒައިނަކަށް ދިޔަކަމުގައި ވިޔަސް ބޮޑު ހިލަ ބޭނުންނުކޮށް ބަނދަރު ހެދޭނެ ޓެކްނޮލޮޖީއެއް ހޯދަން،" އަދުހަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރިއަށް އޮތް އަހަރެއް ދުވަހުގެ ތެރޭގައި ހައުސިން މިނިސްޓުރީ އާއި ގުޅިގެން ބޮޑު ހިލަ ބޭނުންނުކޮށް ބަނދަރުތައް ހެދޭނެ ޓެކްނޮލޮޖީއެއް ގާއިމް ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އެމްޓިސީސީގެ ކުރިމަގަށް ޓަކައި އެކުންފުންޏަށް އާ ވިޔަފާރިތައް ހޯދަންޖެހޭ ކަމަށާއި އޭގެ ތެރޭގައި ހާއްސަ ގޮތެއްގައި ފޮރިން ކަރަންސީ ވަންނާނެ ވިޔަފާރިތައް ހިމެނެންޖެހޭ ކަމަށް ސީއީއޯ ވިދާޅުވި އެވެ. އެގޮތުން ޝިޕިން ލައިނެއް ހެދުމަށް ސަރުކާރުން އިއުލާން ކޮށްފައިވާއިރު އެ ކުންފުނި މިހާރު އޮތީ އެކަމަށް އެންމެ ރަނގަޅު ހިސާބުގައި ކަމަށާއި އަދި ބިން ހިއްކުމުގެ މަސައްކަތައް ވެސް އިންވެސްޓްކޮށް އެ މަސައްކަތްކުރަން އެ ކުންފުނިން ވިސްނަމުންދާ ވެސް އޭނާ ވިދާޅުވި އެވެ.
އެމްޓީސީސީގެ ބިންތައް ހެޔޮގޮތުގައި އިތުރު އާންމުދަނީތައް ހޯދޭނެ ގޮތަށް ބޭނުންކުރުމަށް ކުރަމުންދާ މަސައްކަތާއި ގުޅޭގޮތުން ހިއްސާދާރަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ. އަދުހަމް ވިދާޅުވީ ވިލިމާލޭ ފެރީ ޓާމިނަލްގައި އެމްޓީސީސީން އެޅުމަށް ނިންމާފައިވާ އެންޓަޓެއިމެންޓް ސެންޓަރުގެ މަސައްކަތް ވެސް ލަސްވެގެން އުޅެނީ މާލޭ ސިޓީ ކައުންސިލް އާއި އެ ކުންފުންޏާ ދެމެދު އެއްބަސްވުމަކަށް ނާދެވުމުގެ ސަބަބުން އެ މައްސަލަ ކޯޓުގައި ކުރިއަށްދާތީ ކަމަށާއި އެ މައްސަލަ އަވަސްކުރުމަށް އެ ކުންފުނީގެ ލޯޔަރުން މަސައްކަތް ކުރަމުންދާކަމަށް ސީއީއޯ ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ހިޔާލް ފާޅުކުރި ބައެއް ހިއްސާދާރުން ވަނީ ތަފާތް ހިޔާލްތައް ހުށައަޅާފައެވެ. އެގޮތުން އޭގެ ތެރެއިން ހިއްސާދާރަކު ވަނީ ޑިރެކްޓަރުން މުސާރައާއި އިނާޔަތްތައް ބޯޑުން ފާސް ކުރާކުރުމަށް ބަދަގެނައުމަށާއި ޑިރެކްޓަރުނަށް ކުންފުނިން ކުރާ ހަރަދުތައް އާންމުކުރުމަށް ހިޔާލް ހުށަޅާފައެވެ.
ރޭގެ ޖަލްސާގައި ހިއްސާދާރުންގެ މާ ބޮޑު ޝަކުވާތަކެއް ކުންފުއްޏާމެދު ކޮށްފައިނުވާއިރު ބައެއް ހިއްސާދާރުންގެ ވަނީ މިދިޔަ އަހަރު އެކުންފުނި ހޯދެއްވި ކާމިޔާބީއަށްޓަކައި ބޯޑު މެމްބަރުނަށް ޝުކުރު އަދާކޮށްފައެވެ.