28 Oct 2010, 09:47
ފުވައްމުލަކުގައި އުމުރުން 17 އަހަރުގެ ކުއްޖަކަށް ތޫނު އެއްޗަކުން ހަމަލާދީ އޭނާ ޒަހަމްކޮށްލި މައްސަލައަކާ ގުޅިގެން 15 މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އިއްޔެ ރޭ އެ ރަށުގައި ހިންގި އެ މާރާމާރީއަކީ މާލޭން އެ ރަށަށް ގޮސް ހުރި ޒުވާނަކާއި އެ ރަށު ދޫޑިގަމް އަވަށުގެ ޒުވާނަކު އެ ރަށު ހޯދަޑު އަވަށު ފިހާރައަކަށް ވަދެފައި ނުކުތް ވަގުތު އެ ސަރަހައްދުގެ ވަލު ތެރެއިން ނިކުތް ބަޔަކު ދިން ހަމަލާ އެއް ކަމަށެވެ. އަދި އެހަމާލާ އެ ޒުވާނާގެ އަރިކަށްޓަށް އަމާޒުވީ، އޭނާ ފިހާރައިން ނުކުމެ ސައިކަލަކަށް އެރި ވަގުތު ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ފުވައްމުލަކު މީހަކު ބުނީ ވަޅީގެ ހަމަލާ ސައިކަލްގެ ފަހަތުގައި އިން މީހާ އަށް އަމާޒުވީ، ސައިކަލް ދުއްވަން އިން މީހާ އަށް ވަޅި އަންނަ ތަން ފެނިގެން އޭނާ ވަޅިން ރެކުމަށް އެއްފަރާތަށް ޖެހުމުން ކަމަށެވެ.
"އެ ދެ މީހުންގެ ތެރެއިން އެކަކު ސިނގިރޭޓް ގަތުމަށް ފިހާރައަކަށް ވަނުމަށް ފަހު ނައްޓާލި ވަގުތު ވަލުތެރެއިން ނުކުތް ބަޔަކު ހޫރާލީ ވަޅި އަމާޒުވީ ސައިކަލްގެ ފަހަތުގައި އިން ކުއްޖާގެ ގަޔަށް. އޭނާގެ ގަޔަށް ވަޅި އަމާޒުވީ ވަޅި އަންނަ ތަން ފެނިގެން ސައިކަލް ދުއްވަން އިން ކުއްޖާ އެއް ފަރާތަށް ޖެހުމުން،" ހަވިއްތަ ކައިރީގައި ދިން ވަޅީގެ ހަމަލާ އެ ރަށުން ވާހަކަ ދެއްކި މީހާ ކިޔައިދިނެވެ.
އެ ހާދިސާގެ އިތުރުން ވެސް ރޭ ގާތްގަނޑަކަށް 8 ޖަހާކަންހާއިރު ފުވައްމުލަކުގައި ވަނީ އިތުރު މާރާމާރީއެއް ހިނގައިފަ އެވެ. ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ އެ ރަށުގައި އެއްވެސް މާރާމާރީއެއް ހިނގާފައިވާ ކަމުގެ މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ.
ރޭގެ މާރާމާރީއަކީ އެ ރަށުގެ ސައިހޮޓަލެއްގެ ތެރޭގައި ދެ ޒުވާނަކު ތިއްބައި ގްރޫޕެއް ގޮސް އެތަނުގެ ތެރެއަށް ވަދެގަނެ ހިންގި މާރާމާރީއެއް ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ހޯދަޑު އަވަށުގެ ގްރޫޕަކާއި ދޫޑިގަމު ގްރޫޕެއްގެ މެދުގައި މިދުވަސްވަރު މާރާމާރީ ހިންގަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އިއްޔެ ރޭގެ މާރާމާރީއާ ގުޅިގެން ފުވައްމުލަކުގައި ގްރޫޕް ހަދައިގެން މާރާމާރީ ހިންގާ ފަރާތްތައް ހޯދުމަށް ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށާފައި ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ މާރާމާރީއާ ގުޅިގެން މިހާތަނަށް ހައްޔަރުކޮށްފައިވާ ބައެއް މީހުންގެ އަތުން ތޫނު ހަތިޔާރު ވެސް ފެނިފައިވާ ކަމަށެވެ.
މާރާމާރީގައި ޒަހަމްވި މީހުންނަށް އެ ރަށު ހޮސްޕިޓަލުން ފަރުވާދީފައިވާ ކަމަށްވެސް އެރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.