30 May 2013, 09:28
އެމްޓީސީސީ އަށް މިދިޔަ އަހަރު ލިބުނު 24 މިލިއަން ރުފިޔާގެ ފައިދާއިން، ކޮންމެ ހިއްސާސަކަށް 15ރ. ބަހަން ފާސްކޮށްފި އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނީގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާދާރުނަށް 15ރ. ބެހުމަށް ނިންމީ ރޭ ނަސަންދުރާގައި ބޭއްވި އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާއިންނެވެ.
މިދިޔަ އަހަރުގެ ފައިދާއިން ހިއްސާ ބަހަން ފާސްކުރިއިރު 2009 އަހަރާއި 2010 ވަނަ އަހަރުގެ އިތުރުން 2011 ވަނަ އަހަރު ވެސް އެމްޓީސީސީގެ ހިއްސާދާރުންނަށް އެއްވެސް އެއްޗެއް ނުލިބެ އެވެ. އެމްޓީސީސީގެ 2012 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާއަށް ހާޒިރުވީ އާންމު ހިއްސާދާރުންގެ ތެރެއިން 36 ފަރާތެކެވެ. އަދި އާންމު ހިއްސާދާރުންގެ ފަރާތުން 2177 ޕްރޮކްސީ ވަނީ ހުށަހަޅައިފަ އެވެ.
ހިއްސާދާރުންގެ ފަރާތުން މާ ބޮޑު ތަރުހީބެއް ނުލިބުނު އެ ޖަލްސާގައި އާދައިގެ މަތިން 2011 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ އާއި އަދި 2012 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާއި މިދިޔަ އަހަރުގެ ބެލެންސްޝީޓް ފާސްކޮށްފައިވެ އެވެ. އަދި ކުރިއަށް އޮތް އަހަރުގެ އޯޑިޓް ކުރާނެ ފާމެއް ވެސް ވަނީ ޖަލްސާގައި ފާސްކޮށްފަ އެވެ. އެގޮތުން މިދިޔަ އަހަރެކޭ ވެސް އެއްގޮތަށް އެކްސްޓާނަލް އޯޑިޓް ފާމެއްގެ ގޮތުގައި ހަމަޖެއްސީ 308،400 ރ.އަށް ޕްރައިސް ވޯޓާ ހައުސް ކޫޕާޒް އެވެ.
ރޭގެ ޖަލްސާގައި ވަނީ އާންމު ހިއްސާދާރުންގެ ތެރެއިން އެމްޓީސީސީގެ ބޯޑަށް ހޮވާފައިވާ ދެ ބޭފުޅުންގެ މުއްދަތު ހަމަވުމުން އެބޯޑަށް ދެ ފަރާތަކުން އިންތިހާބް ކޮށްފަ އެވެ. ރޭގެ ޖަލްސާގައި އެބޯޑަށް އިންތިހާބްކޮށްފައިވާ ދެ ބޭފުޅޫންގެ ތެރެއިން އަހުމަދު އަބޫބަކުރު އިންތިހާބް ކާމިޔާބްކުރީ 1245 ވޯޓް ކާމިޔާބްކޮށްގެނެވެ. އަދި ދެން ހޮވުނު ނަސްރަތު މުހައްމަދު ވަނީ 1241 ވޯޓް ކާމިޔާބުކޮށްފަ އެވެ.
ތިން ގަޑިއިރަށް ދެމިގެން ދިޔަ އެ ޖަލްސާގައި ހިއްސާދާރުން ވަނީ އެ މީހުންގެ ހިޔާލުތައް ވެސް ހިއްސާކޮށްފަ އެވެ. އަދި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ތަފާތް ސުވާލުތައް ވެސް ކުރިމަތިކޮށްފަ އެވެ.
އެމްޓީސީސީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުގައި، މިދިޔަ އަހަރު އެކުންފުންޏަށް 24.1 މިލިއަން ރުފިޔާ ފައިދާ ވެފައިވެ އެވެ. އެމްޓީސީސީ އަށް 2011 ވަނަ އަހަރު ވަނީ 8.03 މިލިއަން ރުފިޔާގެ ގެއްލުމަކާ ކުރިމަތިލާންޖެހިފަ އެވެ.
އެ ކުންފުންޏަށް މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ވަނީ 31.1 މިލިއަން ރުފިޔާގެ ފައިދާވެފައިވެ އެވެ. އަދި އެ ކުންފުންޏަށް ފުރަތަމަ ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި 2.3 މިލިއަން ރުފިޔާ ލިބިފައިވާ އިރު ދެ ވަނަ ކުއާޓާގައި 4.2 މިލިއަން ރުފިޔާ އަދި ތިން ވަނަ ކުއާޓާގައި 3.8 މިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބިފައިވެ އެވެ.
މިދިޔަ އަހަރުގެ އެމްޓީސީސީ އިން 579 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވާ ކަމަށް އެ ކުންފުނީގެ ހިސާބުތަކުން ދައްކަ އެވެ. އަދި ޓެކްސްގެ ގޮތުގައި 12 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ.