ދެ މީހަކަށް ތޫނު ހަތިޔާރުން ހަމަލާދިން ކަމުގެ ތުހުމަތުގައި ހޯދަމުންދިޔަ މ. ލޮނުމިދިލިގެ، ޝަފުރާނު ޢަބްދުއްރައްޒާޤު އަޙްމަދު 19، ފިލުވުމަށް މަސައްކަތް ކުރި ކަމަށް ބުނެ، ރޭ ހައްޔަރު ކުރި ދެ މީހަކު ކޯޓުން ދޫކޮށްލައިފި އެވެ.

ޝަފުރާން ހޯދުމުން ދަނިކޮށް ރޭ 12:30 އެހާކަންހާއިރު މ. ނިކޯސިއާގޭގެ ތިން ވަނަ ބުރިން އޭނާ ވަނީ އަތުލައިގެންފަ އެވެ. އޭނާއާއެކު ހަތަރު މީހަކު ވެސް ފުލުހުން ހައްޔަރު ކުރި އެވެ. އެ މީހުންގެ ތެރެއިން ޝަފުރާންގެ ބޭބެ އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑެއް ކަމަށް ތުހުމަތު ކުރެވޭ އިބްރާހިމް ޝަރުފާން އަބްދުއްރައްޒާގު (ސަފާ) އާއި އަންހެން ކުއްޖަކާ ވެސް ވަނީ ކޯޓުން ދޫކޮށްލާފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ ވަޅި އެރި މައްސަލާގައި ހައްޔަރު ކުރި ޝަފުރާން ފިލުވުމަން މަސައްކަތް ކުރި ސަފާ އާއި އަންހެން ކުއްޖާ ކޯޓުން ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށްފަހުގައި ކަމަށެވެ. އެ ޝަރުތަކީ ބަންދުން ވީއްލުމަށްފަހު ވެސް ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމުގެ ޝަރުތެވެ.

އޮފިޝަލް ވިދާޅުވީ ވަޅި ހެރި މައްސަލާގެ ތުހުމަތު ކުރެވޭ ޝަރުފާން ފިލުވަން އުޅުނު އަނެއް ދެ މީހުންގެ ބަންދުގެ މުއްދަތު 15 ދުވަހަށް ޖަހާދީފައިވާ ކަމަށެވެ. އަދި ޝަރުފާންގެ ބަންދަން ވެސް 15 ދުވަސް ކޯޓުން ޖަހައިދީފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ޝަރުފާންއަކީ މި މަހުގެ 18 ވަނަ ދުވަހު ހަވީރު ޗަނބޭލީމަގު ގުޅުނު ހިސާބުގައި ތިބި ދެ މީހަކަށް ތޫނު ހަތިޔާރުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށް ތުހުމަތު ކުރެވޭ މީހެކެވެ. މާލެ ތެރެ އަމާން ކުރުމަށް ފުލުހުން ފަށާފައިވާ އޮޕަރޭޝަންގެ ދަށުން ނުރައްކާތެރި މާރާމާރީ ހިންގާ 50 މީހުންގެ ތެރެއިން ތިން މީހަކު ފުލުހުން ވަނީ އަތުލައިގެންފަ އެވެ.