29 May 2013, 21:22
ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބާއި ބީޖީ ސްޕޯޓްސް މިއަދު ގަލޮޅު ދަނޑުގައި ކުޅުނު ފޯރިގަދަ މެޗު 1-0 ން ނިއު ކާމިޔާބު ކޮށްފި އެވެ.
ދިރާގު ދިވެހި ލީގުގެ ފުރަތަމަ ބުރުގައި މި ދެޓީމު ބައްދަލު ކުރިމެޗު ނިއު ކާމިޔާބު ކުރީ އެކެއް ސުމަކުންނެވެ. އަދި މިއަދުގެ މެޗުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެމުން ނިއުގެ ކޯޗަށާއި އެކުލަބުގެ ކުޅުމަށް ބީޖީގެ ކޯޗު ވަރަށް ބޮޑަށް ފާޑު ކިޔާފައި ވުމުގެ ސަބަބުން މެޗަށް ދެޓީމުގެ ކުޅުންތެރިން ނުކުތް އިރުވެސް ކުޅުންތެރިގެ ޖޯޝު ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަ ކުރެވުނެވެ.
މެޗުގެ ގިނަ ވަގުތުގައި ބޯޅަ ހިފަހައްޓައިގެން ކުޅެ ގިނަ ހަމަލާތަކެއް އުފެއްދި ނިއުއަށް ބީޖީގެ ގޯލް ހުޅުވާލަ ދިނީ މެޗުގެ 81 ވަނަ މިނިޓުގައި ލިބުނު ހިލޭޖެހުމަކުން މުހައްމަދު އުމޭރު އެވެ. ބީޖީގެ ޕެނަލްޓީ އޭރިޔާގެ 15 ވަރަކަށް ފޫޓު ބޭރުން އުމޭރު ފޮނުވާލި ބޯޅަ ގޮސްވަނީ ބީޖީގެ ގޯލްގެ މަތީ ކަނަށެވެ.
ނިއުއާއި ބީޖީގެ މި ވާދަވެރި މެޗުގައި ރެފްރީ އަހްމަދު އަސްލަމް ވަނީ ޖުމުލަ އަށް ރީދޫ ކާޑު ދައްކާފައެވެ. އެގޮތުން ބީޖީގެ ފަސް ކުޅުންތެރިއަކާއި ނިއުގެ ތިން ކުޅުންތެރިއަކަށް ރީނދޫ ކާޑު ދައްކާފައި ވެއެވެ.
މިއަދުގެ މެޗުގެ ފަހު 20 ވަރަކަށް މިނިޓުގެ ތެރޭގައި ނިއުއިން ބީޖީގެ ގޯލަށް ނުރަށްކާތެރި ދެތިން ހަމަލާއެއް ފޮނުވާލާފައި ވެއެވެ. އެގޮތުން، މެޗުގެ 73 ވަނަ މިނިޓުގައި އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ބާރު ހަމަލާ ބީޖީގެ ގޯލް ދަނޑީގައި ޖެހިފައި ނުކުތް އިރު އަލީ އުމަރު ވަނީ އެބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލުމަށް މަސައްކަތް ކޮށްފައެވެ. އަދި 78 ވަނަ މިނިޓުގައި އަލީ އުމަރު ފޮނުވާލި ނުރައްކާތެރި ހަމަލާވެސް ބީޖީގެ ކީޕަރު އިފްރާހް ވަނީ މަތަކޮށްފަ އެވެ.
މެޗު ނިމުނު ވަގުތު ބީޖީގެ އަހްމަދު ރިލްވާން (ރިލޭ) ގޮނޑި ބަރީގައި ތިބި ނިއުގެ ސަޕޯޓަރުންނާ ދިމާއަށް ދިއުމުން އެ ސަރަހައްދުގައި ކޮންމެވެސް ވަރެއްގެ ހަމަ ނުޖެހުމެއް އުފެދުނެވެ. އެހެން ނަމަވެސް އެވަގުތު އެތާ ތިބި ދެ ޓީމުގެ ސަޕޯޓަރުންނާއި ފުލުހުންވަނީ އެ ހަމަ ނުޖެހުން މައިތިރި ކޮށްފައެވެ.
މެޗަށްފަހު ބީޖީގެ ކޯޗު އިޓަލީގެ ފަބިއޯ ލޯޕޭޒް ބުނީ އޭނާގެ ކުޅުންތެރިން ދެއްކި ކުޅުމާ ދޭތެރޭގައި ހިތްހަމަ ޖޭހޭ ކަމަށާއި އަދި މެޗުގެ ކުރިން އޭނާ ބުނި ފަދައިން ނިއުއަކީ ރީތި ކުޅުމެއް ކުޅޭ ޓީމެއް ނޫންކަން މިއަދު ސާބިތު ކޮށްދީފައި ވާނޭ ކަމަށެވެ. އަދި ރެފްރީގެ ބައެއް ނިންމުން ތަކުގެ ސަބަބުން ބީޖީއަށް މެޗުގައި ކުޅެން އުނދަގޫވި ކަމަށްވެސް ލޮޕޭޒް ބުންޏެވެ.
ލޯޕޭޒް ބުނީ ބީޖީއާ އަޅާ ބަލާއިރު ނިއުއަކީ ވަރަށް ވަރުގަދަ ސްކޮޑެއް އޮތް ޓީމެއް ކަމަށެވެ. އަދި މީޑިޔާގައި އޭނާ ކުރިން ދެއްކި ވާހަކަ ތަކަކީ އެއްގޮތަކަށްވެސް ނިއުއަށް ދެރަ ބަހެއް ބުނުމުގެ ގޮތުން ދެއްކި ވާހަކައެއް ނޫން ކަމަށާއި މިއަދުގެ މެޗުގައި ނިއުގެ ފަރާތުން ފެނިގެން ދިޔައީ އެފަދަ ވަރުގަދަ ސްކޮޑެއް އޮތް ޓީމެއްގެ ފަރާތުން ފެންނަން ޖެހޭފަދަ ކުޅުމެއް ނޫންކަމަށެވެ.
"އަހަރެން ބުނާނީ އެމީހުންގެ ނަސީބު ރަނގަޅު ކަމުންނޭ މިއަދު ލަނޑެއް ކާމިޔާބު ކުރެވުނީވެސް. އަމިއްލަ ހާފުގެ ތެރޭގައި ދެފަހަރަކު ބޯޅަ ޖައްސާލާފައި ދެން ބޮޑުބޯޅަ އެއް މިއެއްލަނީ،" އިދި ކޮޅު ޓީމަށް ފާޑު ކިޔަމުން ލޮޕޭޒް ބުންޏެވެ،"
ނިއުގެ ކޯޗު ވެލިޒާ ޕޮޕޯފު ބުނީ އޭނާގެ ޓީމު ބޭނުންވަނީ މެޗުން މޮޅުވެގެން ތިން ޕޮއިންޓު ކަމަށާއި އެކަން ހާސިލު ވުމުން ހިތްހަމަ ޖެހޭ ކަމަށެވެ.
"މިއަދުގެ މެޗުން މޮޅުވާނެ ކަމާމެދު އަހަރެން އެއް ގޮތަކަށްވެސް ޝައްކެއް ނުކުރަން. މެޗުގައި އެކެއް ސުމަކުން ނުވަތަ ފަހެއް ސުމަކުން މޮޅުވިޔަސް އެއީކީ މައްސަލައެއް ނޫން. އަދި މެޗުގެ ފުރަތަމަ މިނިޓުގައި ލަނޑު ޖެހިޔަސް ފަހު ވަގުތު ލަނޑު ޖެހިޔަސް އެއީ މައްސަލައެއް ނޫން. ބޭނުންވަނީ މެޗުން މޮޅުވެގެން ތިން ޕޮއިންޓު ހޯދުން. ތެދައް ބުނަންޏާ ބުނެވޭނީ މި މެޗަކީ އަހަރެމެން ލީގުގައި ކުޅުނު އެންމެ ފަސޭހަ މެޗު" ޕޮޕޯފް ބުންޏެވެ.
ޕޮޕޯފު ބުނީ ބީޖީއަކީ މޮޅު ކުޅުންތެރިން ތަކެއް ތިބި ވަރުގަދަ ކުލަބެއް ކަމަށެވެ. އެހެން ނަމަވެސް އޮއްޕޮއާއި އަޑުބަރޭއާއި އޮއިއްޓެއާއި ފަރޭ އަދި ކުދޫސް ފަދަ މޮޅު ކުޅުންތެރިން ތިބި ޓީމަކުން ދެފަހަރު ޕާސް ކޮށްލާފައި ހެސް ކިޔާފައި ބޯޅަ ފޮނުވާލަން ޖެހުނީ އެ ކުޅުންތެރިންގެ މައްސަލައެއް ކަމަށް އޭނާ ގަބޫލު ނުކުރާ ކަމަށާއި އަދި ބީޖީގެ ކޯޗަކީ އޭނާ ފާޑު ކިޔަން ބޭނުންވާ ފެންވަރުގެ ކޯޗެއް ނޫންކަމަށްވެސް ޕޮޕޯފު ބުންޏެވެ.
މިއަދުގެ މެޗުން މޮޅުވުމުން 12 ޕޮއިންޓުގެ ތަފާތަކާއެކު ލީގު ތާވަލުގެ އެއްވަނައިގައި ނިއު އޮތީ 27 ޕޮއިންޓާއި ފައިދާ 31 ލަނޑާ އެކުގައެވެ. އަދި މިއަދުގެ މެޗުން ބަލިވުމުން ބީޖީ ތާވަލުގެ ހަތަރު ވަނައިގައި އޮތީ 12 ޕޮއިންޓާއެކުގައެވެ.
ދިރާގު ދިވެހި ލީގުގައި މާދަމާ ހަވީރު ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލު ކުރާނީ 12 ޕޮއިންޓާއެކު ތާވަލުގެ ތިން ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި 15 ޕޮއިންޓާއެކު ތާވަލުގެ ދެ ވަނައިގައި އޮތް ކުލަބް ވެލެންސިޔާ އެވެ.