ހައިކޯޓުގެ އިސް ފަނޑިޔާރު އަހްމަދު ޝަރީފް އަލީ މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑްކުރުމަށް މިއަދު ނިންމީ އޭނާ ހައިކޯޓު ހިންގުމުގައި އަމަލުކުރާގޮތާއި ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަތަކާއި ގުޅިގެން ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އާދަމް މުހައްމަދު އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޖޭއެސްސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި އާދަމް މުހައްމަދު ވިދާޅުވީ ހައިކޯޓުގެ އިސްފަނޑިޔާރު ޝަރީފް ސަސްޕެންޑް ކުރުމަށް ނިންމީ އޭނާ ހައިކޯޓު ހިންގަވާ ގޮތާއިމެދު އެ ކޯޓުގެ ހަތް ފަނޑިޔާރަކު މިދިޔަ އަހަރުގެ މެއި މަހު ހުށަހަޅާފައިވާ މައްސަލަތަކަކާ ގުޅިގެން ކަމަށެވެ.

"ހައިކޯޓު ހިންގުމުގައި ދިމާވާ ކަންތައްތަކެއް ހުރިކަމަށް އެ ބޭފުޅުނަށް [ހައިކޯޓުގެ ހަތް ފަނޑިޔާރުނަށް] ފާހަގަ ކުރެވޭ ޝަކުވާތަކެއް މިއީ،" އާދަމް މުހައްމަދު ވިދާޅުވި އެވެ.

ނަމަވެސް އެ މައްސަލަތައް ތަހުގީގު ކުރަމުންދާތީ އެ މައްސަލަތަކުގެ ތަފްސީލް ހާމަ ކުރެވެން ނެތް ކަމަށް އާދަމް މުހައްމަދު ވިދާޅުވި އެވެ.

ޝަރީފުއާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލަތައް ތަހުގީގުކުރަމުން ދާއިރު އެ ކޯޓުގެ އިދާރީ މުވައްޒަފުން ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

" އެތަނުގެ ބައެއް އިދާރީ އެކި އެކި ލެވެލްތަކުގައި އުޅުއްވާ މުވައްޒަފުންނާއި އަޅުގަނޑުމެން ސުވާލުކޮށްގެން ތަހްގީގަށްޓަކައި ހޯދަން ޖެހޭ އެތަކެއް މައުލޫމާތެއް ހުންނާނެ. އެހެންވީމަ އިސް ފަނޑިޔާރެއްގެ ހައިސިއްޔަތުން މިސާކަށް ފިޔަވަޅުނާޅާ އެހެން ހުންނަވާ ކަމަށްވާކަމުގައި ވާނަމަ ބައެއް ސުވާލުތައް އުފެއްދުމަކީ އެކަށީގެންވާ ކަމެއް. ކުރިއަށްއޮތްތާގައި އެ ފަދަ ސުވާލެއް އުފައްދަން ބޭނުންވާ ބަޔަކަށް. އެންވީމަ އިންސާފްވެރިކަމާއި އެކު މި ފަދަ ތަހްގީގެއް ކުރެވެމުންދާއިރު އަޅުގަނޑުމެނަށް ހެކީންގެ ގޮތުގައިވެސް އިދާރީ މުވައްޒަފުންވެސް ހާޒިރުކޮށްގެން އަޅުގަނޑުމެނަށް ފުރިހަމަ ކުރެވެން އަންނަނީ،" އާދަމް މުހައްމަދު ވިދާޅުވި އެވެ.

ޝަރީފު ސަސްޕެންޑް ކުރުމަށް ފާސްކުރި ޖަލްސާގައި ބައިވެރިވެވަޑައިގެންފައި ވަނީ އެކޮމިޝަނުގެ ދިހަ މެންބަރުންގެ ތެރެއިން ހަތް މެންބަރެކެވެ. އޭގެ ތެރެއިން ޝަރީފު ސަސްޕެންޑް ކުރުމަށް ފާސްކުރުމަށް ތިން މެންބަރުން ވޯޓު ދެއްވިއިރު ސަސްޕެންޑް ކުރުމަށް ނުފެންނަ ކަމަށް ދެ ބޭފުޅަކު އަދި ވަކި ގޮތަކަށް ވޯޓު ނުދޭ އެއް ބޭފުޅަކު އިންނެވި ކަމަށް ވެސް އާދަމް މުހައްމަދު ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން ބޭފުޅުންނެއް ތޯ ތަކުރާރުކޮން ނޫސްވެރިން ސުވާލު ދެންނެވުމުން ވެސް އެއީ ކޮން ބޭފުޅުނެއް ކަމެއް އާދަމް މުހައްމަދު ވިދާޅެއް ނުވެއެވެ.

"ވޯޓު ދެއްވި ބޭފުޅުންގެ ނަމެއް އަޅުގަނޑުމެނަކަށް މުހިންމެއް ނުވާނެ،" އާދަމް މުހައްމަދު ވިދާޅުވި އެވެ.

ނޫސްވެރިންނާއި ވާހަކަދައްކަވަމުން ޖޭއެސްސީގައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން އިންނަވާ މެންބަރު މުހައްމަދު ސަލީމް (ރޭނިސް ސަލީމް) ވިދާޅުވީ ހައިކޯޓުގެ އިސް ފަނޑިޔާރު ގާނޫނާ ޚިލާފުވެފައިވާ ކަމަށްބުނެ ހުށަހަޅާފައިވާ މައްސަލަތަކާއި ގުޅިގެން 25 ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.

ޝަރީފުއާ ގުޅޭ މައްސަލަތައް ބެލުމަށް ނިންމާފައި ވަނީ މިދިޔަ އަހަރުގެ މެއި މަހު ކަމަށް ޖޭއެސްސީގެ ރައީސް ވިދާޅުވިއިރު އެ ކޮމިޝަނުގައި ރައީސުލް ޖުމްހޫރިއްޔާގެ ފަރާތްޕުން އިންނަވާ މެންބަރު މުހައްމަދު ސަލީމް ވިދާޅުވީ އެ މައްސަލަތައް ބަލަމުން ގޮސް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެ މައްސަލަތަކުގައި ޖަވާބުދާރީވުމަށް ސަރީފަށް އަންގާފައިވާ ކަމަށެވެ. އެ ދެބޭފުޅުންގެ ވާހަކަ ދިމާނުވުމުން ހައިކޯޓުގެ އިސް ފަނޑިޔާރުގެ މައްސަލަ އެކޮމިޝަނަށް ހުށަހަޅާފައިވަނީ ކޮންއިރަކު ކަމެއް ސާފެއް ނުވެއެވެ.