ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރި ކަމަށް ބުނެ މާލޭ ސިޓީ ކައުންސިލްގެ މެންބަރު އިބްރާހީމް ސުޖާއުގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ ސުޖާއުގެ މައްޗަށް ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ހަވީރު ސައިކަލެއްގައި އޭނާ ދަނިކޮށް ލައިސަންސް ކާޑު ދިނުމަށް ފުލުހުން އެންގުމުން ލައިސަންސް ކާޑު ނުދައްކާނެ ކަމަށް ބުނެ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރި ވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށެވެ.

މަނިކު ވިދާޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ހަވީރު 5:48 އެހައިކަންހާއިރު މޯބައިލް ފޯނުން ވާހަކަދައްކަމުން ސޯސަންމަގުން ދެކުނުން އުތުރަށް ދުއްވާފައި ގޮސް، ކުރީގެ ދިވެހިބަހާއި ތާރީޚަށް ޚިދުމަތް ކުރާ ގައުމީ މަރުކަޒު ކައިރީގައި މަޑުކުރުމުން ފުލުހުން އެތަނަށް ގޮސް އޭނައާ ސުވާލު ކުރި ކަމަށް ދައުލަތުން ކުރި ދައުވާގައި ބުނެފައިވާ ކަމަށެވެ.

ލައިސަންސް ކާޑު ދޭން އެންގުމުން ލައިސަންސް ކާޑު ދިނުމަށް އިންކާރުކުރުމުން، ފުލުހުންނާ އެކު ވެހިކަލްގައި ޓްރެފިކް ޕޮލިހަށްދާން އެންގުމުން ފުލުހުންގެ ވެހިކަލްގައި ދާން ނުޖެހޭނެ ކަމަށް ބުނެ އެކަމަށް ސުޖާއު އިންކާރު ކޮށްފައިވާ ކަމަށް ދައުވާގައި ބުނެފައިވާ ކަމަށް ވެސް މަނިކު ވިދާޅުވި އެވެ.