ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ 1.8 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓަށް ހިޔާލު ހޯދަން ސަރުކާރަށް ތާއީދުކުރާ ސިޔާސީ ޕާޓީތަކާ އެކު ވަރަށް އަވަހަށް މަޝްވަރާކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިއަދު ވިދާޅުވެއްޖެ އެވެ.

"ސަން"އާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އަންނަ މަހު ފަށާ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރަށް ހުށަހަޅާ 1.8 ބިލިއަން ރުފިޔާގެ ބަޖެޓް އިއްޔެ ކެބިނެޓަށް ހުށަހަޅާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިވަނީ ބަޖެޓް ތައްޔާރުކޮށް ކެބިނެޓަށް ހުށަހަޅާފައި. ނަމަވެސް މަޖިލީހަށް ހުށަހެޅުމުގެ ކުރިން ސަރުކާރަށް ތާއީދުކުރާ ޕާޓީތަކުގެ ޕާލަމެންޓްގްރޫޕާ އެކު މަޝްވަރާކޮށް އެ ބޭފުޅުންގެ ހިޔާލު ވަރަށް އަވަހަށް ހޯދާނަން. އަދި ބަޖެޓް ހުށަހަޅާނީ އެ ހިޔާލުތައް ހޯދައިގެން،" ޖިހާދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ ބަޖެޓްގައި ހިމަނާފައި ވާނީ މި އަހަރުގެ ބަޖެޓް ފާސްކުރި އިރު ކޮމިޓީން އުނިކުރި ބައި ފޫބައްދަން 1.8 ބިލިއަން ރުފިޔާ ކަމަށެވެ.

"މި އަހަރުގެ ބަޖެޓް ފާސްކުރި އިރު ވަނީ ރިކަރަންޓް ހަރަދުން ވަރަށް ބޮޑު ބައެއް އުނިކޮށްފައި. އެބައި ފޫބައްދަން އަޅުގަނޑުމެން އިތުރު އާމްދަނީ ހޯދަން ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅާއިރު ހިމަނާނަން،" ޖިހާދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓަށް އާމްދަނީ ހޯދުމަށް އެއާޕޯޓް ސާވިސްޗާޖުގެ ގޮތުގައި 30 ޑޮލަރު ނެގުމަށް ކުރިން ހުށަހެޅި ބިލު އިސްލާހުކުރުމަށް ފަހު އަލުން މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި ޑެފިސިޓް ފޫބައްދަން ޓްރެޝަރީ ބިލް ވިއްކަން ވެސް ހުށަހަޅާނެ ކަމަށް ޖިހާދު ވިދާޅުވި އެވެ.

"މުޅި ބަޖެޓަށް ބޭނުންވާ ފައިސާ ހޯދަން ޓީބިލް ވިއްކުމަކީ އެހާ ފަސޭހަކަމަކަށް ނުވާނެ. އެހެންވެ އެއާޕޯޓް ސާވިސްޗާޖުގެ ބިލް އިސްލާހުކުރުމަށް ފަހު ހުށަހެޅީ. އަދި ކުރިން ފޮނުވި ބިލްތައް ވެސް ހުންނާނެ. އެ ބިލްތައް ފާސްވެއްޖެ ނަމަ އާމްދަނީ ލިބޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ޖިހާދު ވިދާޅުވީ ކެބިނެޓަށް ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓް ދިރާސާކުރުމަށް ކެބިނެޓުން އިއްޔެ ވަނީ މިނިސްޓަރުންގެ ކޮމެޓީއެއް އެކުލަވާލާފައި ކަމަށެވެ. އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ފިނޭންސް މިނިސްޓަރުގެ އިތުރުން ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހުމަދު އަދި ހެލްތު މިނިސްޓަރު އަހުމަދު ޖަމްޝީދެވެ.