މާދަމާ ހަވީރު ކުލަބް ވެލެންސިޔާއާ ދެކޮޅަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުޅޭ މެޗަކީ މާޒިޔާ މިސީޒަންގައި ކުޅޭ އެންމެ މުހިއްމު މެޗު ކަމަށް އެކުލަބުގެ ކޯޗު އިސްމާއީލް މަހެފޫޒް (އިންމަ) ބުނެފި އެވެ.

ދިރާގު ދިވެހި ލީގުގައި މާޒިޔާ އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ އިރު އެ ކްލަބު އެންމެ ފަހުން މެޗަކުން މޮޅުވެފައި ވަނީ މިދިޔަ މާޗު މަހުގެ 27 ވަނަ ދުވަހު ބީޖީ ސްޕޯޓްސްއާ ވާދަކޮށް 1-0ން އެވެ. އަދި ލީގު ތާވަލަށް ބަލާއިރު މާޒިޔާ މިވަގުތު އޮތީ 12 ޕޮއިންޓާއެކު ތާވަލުގެ ތިންވަނަ މަގާމުގަ އެވެ.

"މާދަމާގެ މެޗަކީ މި ވަގުތަށް ބަލާފައި މިސީޒަންގައި އަޅުގަނޑުމެން ކުޅޭ އެންމެ މުހިއްމު މެޗު. އެގޮތުން އަޅުގަނޑު ބުނާނީ މާދަމާގެ މެޗަކި އިރާދަކުރެއްވިއްޔާ ރަނގަޅަށް ޕާފޯމް ކޮށްގެން މޮޅުވެގެން އަޅުގަނޑުމެން ފައިބާނީ،" އެޗުގެ ކުރިން މިއަދު މެންދުރު އެފްއޭމްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އިންމަ ބުންޏެވެ.

އިންމަ ބުނީ މިހާރު ދެން ލީގު ޗެމްޕިއަންކަން ހޯދުމުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކުން ކަމަށާއި އޭގެ ބަދަލުގައި މާޒިޔާގެ އަމާޒަކަށް މިހާރު ދެން ހަދާފައި ވަނީ ލީގުގެ ދެވަނަ މަގާމް ހޯދުން ކަމަށެވެ.

"ލީގު ޗެމްޕިއަންކަން ހޯދުމުގެ ވާހަކަ މިހާރު ދެއްކުން އެއީ މާބުއްދިވެރިކަމެއް ކަމަށް އަޅުގަނޑަކަށް ހިއެއް ނުވޭ. އެގޮތުން ނިއުރޭޑިއެންޓް ވަރަށް ތަފާތު ބޮޑުކޮށް ކުރީގައި އެ އުޅެނީ. އަޅުގަނޑު ބުނާނީ އެއްވަނަ ޕޮޒިޝަން ހޯދުމުގެ ވިސްނުން ދޫކޮށްލާފައި ދެވަނަ ޕޮޒިޝަނަށް ވިސްނުން ބެހެއްޓުންހެން އަޅުގަނޑުމެންނަށް މުހިއްމީ،" އިންމަ ބުންޏެވެ.

ލީގުގައި މާޒިޔާ އެންމެ ފަހުން ކުޅުނު ހަތަރު މެޗަށް ބަލާއިރު، ފުރަތަމަ ބުރުގައި އޭޕްރިލް 15 ވަނަ ދުވަހު ވެލެންސިޔާއާ ދެކޮޅަށް ކުޅުނު މެޗުން މާޒިޔާ ބަލިވީ 3-2 ލަނޑުންނެވެ. މި މަހުގެ ހަ ވަނަ ދުވަހު ނިއުރޭޑިއެންޓް އަތުން މާޒިޔާ ބަލިވީ 4-2 ލަނޑުންނެވެ. އަދި މިމަހުގެ 10 ވަނަ ދުވަހު ވީބީ އަތުން 2-0 ލަނޑުން ބަލިވެފައިވާ އިރު އެންމެ ފަހުން ލީގުގެ ދެވަނަ ބުރުގައި ނިއުރޭ ޑިއެންޓާ އެކު މާޒިޔާ ކުޅުނު މެޗުން އެ ޓީމު ބަލިވީ 2-0 ލަނޑުން ނެވެ.

އިންމަ ބުނީ ލީގުގައި މިހާރު ކުލަބު ދައްކަމުންދާ ކުޅުމަށް ބަލާފައި މިވަގުތަށް އެންމެ މުހިންމީ މެޗަކުން މޮޅުވެގެން، މޮޅުނުވެ ދާ ސިލްސިލާ ނިމުމަކަށް ގެނައުން ކަމަށާއި، އެގޮތުން މާދަމާގެ މެޗަށް ނުކުންނަނީ އެކަން ހާސިލު ކުރުމަށް ކަމަށާއި އެކަން ހާސިލު ކުރާނޭ ކަމަށެވެ.

މާޒިޔާއާ ދެކޮޅަށް ނުކުންނަ ވެލެންސިޔާގެ ކޯޗު ކަމަށް ނިއުގެ ކުރީގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ހަމަ ޖެއްސި ފަހުން އެޓީމާ ދޭތެރޭގައި ގެންގުޅޭ ވިސްނުން ވަކި ތަފާތު ތޯ ސުވާލު ކުރުމުން އިންމަ ބުނީ މާޒިޔާ ގަބޫލު ކުރާ ގޮތުގައި ވެލެންސިޔާ އަކީ އަބަދުވެސް ވަރުގަދަ ކުލަބެއް ކަމަށާއި އެހެން ކަމުން ވަކި ކޯޗެއް ހުރުމުންނޭ ކިޔާފައި އެކުލަބާ ދޭތެރޭގައި މާޒިޔާއިން ފަރުވާ ކުޑަކޮށް ނުލާނޭ ކަމަށެވެ.

މާދަމާގެ މެޗަށް ނުކުންނަ އިރު މާޒިޔާއަށް ދިމާވާނެ އެންމެ ބޮޑު މައްސަލަ އަކީ އެ ކުލަބުގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ޝާފީއާއި ފައްރާހު އާއި ދެ ކުޅުންތެރިންނަށް ކާޑު ހަމަ ވުމުގެ ސަބަބުން އެ މެޗުގައި ނުކުޅެވޭ ގޮތްވުމެވެ.

"އަނިޔާގެ ކުދި ކުދި މައްސަކަތައް އެބައުޅޭ ޓީމުގައި. ދެން ސަސްޕެންޝަންގައި އެބަ އުޅޭ ދެކުޅުން ތެރިއަކު. ފައްރާހު ދެކާޑު ހަމަވެފައި. ދެން ޝާފީ ދެކާޑު ހަމަވެފައި. ކެޕްޓަން އަންމަޑޭ ކުޑަ އިންޖަރީއެއްގައި އުޅެނީ، އެހެން ނަމަވެސް އިރާދަ ކުރެއްވިއްޔާ މާދަމާގެ މެޗުގައި އޭނާ ކުޅޭނެ،" އިންމަ ބުންޏެވެ.