28 Oct 2010, 09:20
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓުން ދަތުރުތައް ކޮށްފައި ވަނީ ހިޔާނާތަށް މަގު ފަހިވާ ގޮތަށް ކަމަށްވާތީ އެ ސެންޓަރުގެ ކަންކަން މާލިއްޔަތުގެ ގަވައިދާ އެއްގޮތަށް ހިންގަން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރަށް އަންގައިފި އެވެ.
އޭސީސީ ބުނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރާބެހޭ މައްސަލައެއް އެ ކޮމިޝަނުން ބެލީ އެ އޮފީހުގެ ލޯންޗު ދަތުރުތައް ކުރަނީ ބައެއް ވެރިންނާއި ސެންޓަރުގައި މަސައްކަތްކުރާ ޑިފެންސް މިނިސްޓްރީގެ މުވައްޒަފުން ކަމަށާއި ދަތުރު ހަރަދު ކުރުމުގައި ސަރުކާރުގެ ފައިސާއާބެހޭ ގަވައިދަށް ނުބަލާ ކަމަށާއި އަތޮޅުތަކުގެ ރަށްރަށަށް ފެން ސަޕްލައި ކުރަން ބޮޑު އަގުގައި ދޯނި ހިފާފައި ވަނީ ގަވައިދާ ހިލާފަށް ކަމަށް ބުނެ ޝަކުވާ ހުށަހެޅުމުން ކަމަށެވެ.
އޭސީސީން ބުނީ މައްސަލަ ބެލި އިރު 2008 ވަނަ އަހަރު ކޮށްފައިވާ ލޯންޗު ދަތުރުތަކުގެ ތެރެއިން ގިނަ ދަތުރުތަކުގައި ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި ހޭދަކުރުމާއި ހިސާބުތައް ލިޔެ ބެލެއްޓުމުގެ ގަވައިދާ އެއްގޮތަށް އިއުލާންކޮށް ކޯޓޭޝަން ހޯދާފައި ނުވާ ކަމަށެވެ.
އަދި 2009 ގައި ރަށްރަށަށް ފެން ސަޕްލައި ކުރަން ދޯނި ކުއްޔަށް ހިފި އިރުވެސް އިއުލާނުކޮށްފައި ނުވާ ކަމަށެވެ.
އޭސީސީން ބުނީ މައްސަލަ ބެލި އިރު ކޮމިޝަނަށް ފާހަގަ ކުރެވުނު ކަންކަމަކީ ހިޔާނާތަށް މަގުފަހިވާ ފަދަ ކަންކަން ކަމަށްވުމުން މީގެ ފަހުން އެ ސެންޓަރަށް ތަކެތި ގަތުމުގައާއި ހިދުމަތް ހޯދުމުގައި މާލިއްޔަތުގެ ގަވައިދާ އެއްގޮތަށް އަމަލުކުރަން މިހާރު އަންގާފައިވާނެ ކަމަށެވެ.