14:30


ފިންލެންޑުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މިސްޓަރ ސައުލީ ނީނިސްތޯއާއި، ޚާރިޖީ ވަޒީރު މިސްޓަރ އެލެގްޒެންޑަރ ސްޓަބާއި، އެޤައުމުގެ ކުރީގެ ރައީސް މާޓީ އަހްޓިސާރީއާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ބައްދަލުކުރައްވައިފި އެވެ.


ފިންލެންޑުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ދެމެދުގައި ގުޅުން ބަދަހިކުރެއްވުމުގެ މުހިންމުކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ރައީސް އޮފީހުން ބުނެ އެވެ.


މިބައްދަލުކުރެއްވުމަށްފަހު، ފިންލެންޑުގެ ޚާރިޖީ ވަޒީރު މިސްޓަރ އެލެގްޒެންޑަރ ސްޓަބާވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ދެޤައުމުގެ ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުންނާއި، ޞަރަހައްދީ މައްސަލަތަކާއި، މޫސުމަށް އަންނަ ބަދަލުތަކާބެހޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ. އެގޮތުން، މޫސުމަށް އަންނަ ބަދަލުތަކަށް ޙައްލެއް ހޯދުމުގައި ޔޫރަޕްގެ އިއްތިހާދުގެ ބައިވެރިވުން މުހިންމުކަން ރައީސުލްޖުމްހޔޫރިއްޔާ ފާހަގަކުރެއްވި އެވެ. އަދި ބަރުމާގެ ވާދަވެރި ލީޑަރު އަންގ ސަން ސޫޗީ ބަންދުގައި ބަހައްޓަމުން ގެންދާތީ، އޭނާ ވީހާވެސް އަވަހަކަށް މިނިވަން ކުރުމަށް ރާއްޖެއިން ގޮވާލަމުން ގެންދާ ކަމަށްވެސް ވިދާޅުވި އެވެ.


މިބައްދަލުކުރެއްވުންތަކުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާވަނީ ނޮބެލް ސުލްހައިގެ އިނާމު ލިބިވަޑައިގެންފައިވާ ފިންލެންޑުގެ ކުރީގެ ރައީސް މާޓީ އަހްޓިސާރީއާވެސް ބައްދަލުކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.


މިބައްދަލުކުރެއްވުމުގައި ރައީސް އަހްޓިސާރީގެ "ކްރައިސިސް މެނޭޖްމަންޓް އިނިޝިއަޓިވް" އާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ މަޢުލޫމާތު އޮޅުންފިލުއްވި އެވެ. "ކްރައިސިސް މެނޭޖްމަންޓް އިނިޝިއަޓިވް"އަކީ ދުނިޔޭގެ ކަންކޮޅުތަކުގައި ޞުލްޙަ ޤާއިމުކޮށް މައްސަލަތައް ޙައްލުކުރުމަށް މަސައްކަތްކުރެއްވުމަށް 2000 ވަނަ އަހަރު ރައީސް އަހްޓިސާރީ ޤާއިމުކުރެއްވި އަމިއްލަ ޖަމާޢަތެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.