Last Updated:
1 decade 2 year ago

ހައިކޯޓުގެ އިސް ފަނޑިޔާރު މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑްކޮށްފި

    ބުލޮގު ޚުލާސާ
    ހައިކޯޓުގެ އިސް ފަނޑިޔާރު އަހްމަދު ޝަރީފް މުއްދަތެެއް ނެތް ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ސަސްޕެންޑްކޮށްފި އެވެ.

    ސަން އެނގިފައިވާ ގޮތުގައި އިސް ފަނޑިޔާރު ސަސްޕެންޑް ކުރަން ނިންމީ މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުގައި ނެގި ވޯޓްގައި ބައިވެރިވެވަޑައިގެންނެވި ތިން މެމްބަރަކު ވޯޓު ދެއްވައިގެންނެވެ.

    މިއަދުގެ ޖަލްސާގައި، 10 މެންބަރުންގެ ކޮމިޝަންގެ ހަ މެންބަރަކު ބައިވެރިވެވަޑައިގެންނެވި ކަމަށް ޖޭއެސްސީގެ ރައީސް އާދަމް މުހައްމަދު ވިދާޅުވި އެވެ. ނަމަވެސް ޖޭއެސްސީގެ ރައީސް ވިދާޅުވީ އަހްމަދު ޝަރީފާ މެދު ފިޔަވަޅު އެޅުމަށް ދެ ބޭފުޅަކު ވޯޓު ނުދެއްވާ ކަމަށެވެ. އަދި އެއް ބޭފުޅަކު ވަކި ކޮޅަކަށް ވޯޓު ނުދެއްވާ ކަމަށް ވެސް ޖޭއެސްސީގެ ރައީސް ވިދާޅުވި އެވެ. ވޯޓުގައި ބައިވެރިވެވަޑައިގަތީ އަދި ވޯޓުގައި ބައިވެރިވެވަޑައި ނުގަންނަވަނީ ކޮން ބޭފުޅުންނެއް ކަމެއް އާދަމް މުހައްމަދު ވިދާޅެއް ނުވެ އެވެ.

    ޝަރީފާ މެދު ފިޔަވަޅު އަޅާފައި ވަނީ، މިދިޔަ އަހަރުގެ މެެއި މަހު ހައިކޯޓުގެ ފަނޑިޔާރުންތަކެއް އޭނާއާ ގުޅޭ ގޮތުން ޝަކުވާތަކެއް ހުށަހަޅައި ޝަރީފްގެ ބަޔާން ވެސް ނަގާފައިވަނިކޮށެވެ.

    ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 37 ވަނަ މާއްދާގެ (ރ) ބުނާ ގޮތުން ޖޭއެސްސީ އަށް ހުށަހަޅާފައިވާ ފަނޑިޔާރެއްގެ މައްސަލައެއް ތަހުގީގު ކުރާ އިރު، އެ ފަނޑިޔާރަކު މައްސަލާގައި ބުނާ އެއްޗެއް ހޯދުމަށް އަޑުއެހުމެއް ބޭއްވުމަށް ފަހު، މައްސަލައިގެ ބާވަތަށާއި ފަނޑިޔާރު މައްސަލާގައި ބުނާ އެއްޗަކަށް ރިއާޔަތްކޮށް، އެ ފަނޑިޔާރަކު ވަޒީފާ އަށް ނުނުކުމެ މަޑުކުރުމަށް އެންގުމުގެ އިހްތިޔާރު ޖޭއެސްސީ އަށް ލިބިގެންވެ އެވެ.

    އިސްފަނޑިޔާރު ސަސްޕެންޑްކުރުމަށް ނިންމި އިރު މިއަދު ހައިކޯޓުގައި ބޭއްވުމަށް ތާވަލުކޮށްފައި އޮތް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ހުޅުމާލޭ ކޯޓުގެ ބެންޗުގެ މައްސަލައިގެ ޝަރީއަތް ވަނީ ކެންސަލްކޮށްފަ އެވެ.

    ޝަރީފަކީ ރައީސް ނަޝީދުގެ ސަރުކާރުގައި ދަށު ކޯޓުތަކުގެ ހުކުމް ތަންފީޒު ނުކުރުމަށް ބާރުއަޅައި އުފައްދަން އުޅުނު ޖުޑީޝަލް ރިފޯމް ކޮމިޝަންގެ މެމްބަރުންގެ ގޮތުގައި ހުށަހެޅުއްވި ނަންތަކުގެ ތެރޭގައި ވެސް ހިމޭނެ ބޭފުޅެކެވެ.

    ޖޭއެސްސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެކަމާ ގުޅިގެން ބާއްވާ ޕްރެސް ކޮންފަރެންސެއް މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.