ކުނިއެޅުމަށް މާލޭ ދެކުނު ފަރާތު ފަޅު ހިއްކަން ނުފެށި ލަސްވަނީ އެ ސަރަހައްދު ހުސްކުރުމަށްފަހު ހައުސިން މިނިސްޓްރީން ހަވާލުނުކުރާތީ ކަމަށް ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް (ޓީސީއެލް) އިން މިއަދު ބުނެފި އެވެ.

މެނޭޖިން ޑިރެކްޓަރު އިލްހާމް އިދުރީސް "ސަން"އާ ވާހަކަދައްކަވަމުން ވިދާޅުވީ ވޭސްޓް ޔާޑު ހަދަން ހިއްކަން ކަނޑައަޅާފައިވާ ސަރަހައްދު ހަވާލުކުރުމާއެކު ހިއްކުމުގެ މަސައްކަތް ލަސްނުކޮށް ފަށާނެ ކަމަށެވެ.

"އެގްރިމަންޓްގައި އޮންނާނެ ތަން ހުސްކޮށް ހަވާލުކުރާތާ އެއް މަސްދުވަހުގެ ތެރޭގައި މަސައްކަތް ފަށާނެ ކަމަށް. އަޅުގަނޑުމެން މިތިބީ އެކަމަށް ތައްޔާރަށް،" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެންނަކީ އެތަން ހުސްކުރަން އެންގޭނެ ބައެއް ނޫން. އެކަން ކުރަން ޖެހޭނީ ހައުސިން މިނިސްޓްރީން،"

އިލްހާމް ވިދާޅުވީ އެ މަސައްކަތް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކުންފުނިން އަމިއްލައަށް ކަމަށެވެ.

މާލޭގެ ދެކުނުފަރާތުން (ސްޓޭޑިއަމްއާ ދިމާއިން) ފަޅުތެރެއިން ބައެއް ހިއްކައިގެން އަލަށް ހަދާ ވޭސްޓްޔާޑް ހެދުމަށް އެ ސަރަހައްދު ހިއްކުމުގެ މަޝްރޫއު ތިލަފުށީ ކޯޕަރޭޝަނާ ހަވާލުކުރީ މިދިޔަ މާޗް 21 ވަނަ ދުވަހު އެވެ.

އެ މަޝްރޫއު ނިމުމުން މާލޭގައި ހުރި ވޯކްޝޮޕްތަކާއި ގަރާޖު، އަދި ވަޑާންކުރާ ތަންތަން އެ ސަރަހައްދަށް ބަދަލުކުރެވި މާލޭގެ ކުނީގެ މައްސަލަ ހައްލުވުމުގެ އިތުރުން މާލޭގެ މަގުތަކުގައި ބޮޑެތި ލޮރީ ޕިކަޕްފަދަ ދުއްވާ އެއްޗެހި ތޮއްޖެހުމުގެ މައްސަލައަށް ވެސް މި މަޝްރޫއުގެ ސަބަބުން ހައްލު އަންނާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

ހައުސިން މިނިސްޓްރީން ބުނީ އަލަށް ހަދާ ވޭސްޓްޔާޑުގެ މަސައްކަތް ނިމުމުން ވިލިމާލެ ފެރީޓާމިނަލް ސަރަހައްދާއި އައިޖީއެމްއެޗް، ހިރިޔާ، ތާޖުއްދީން އަދި އިމާދުއްދީން ސްކޫލަށް ދިމާވާ ކުނިވަސްދުވުމުގެ މައްސަލަ ވެސް ހައްލުވެގެންދާނެ ކަމަށެވެ.