29 May 2013, 15:15
އަންނަ ސާފް ޗެމްޕިއަންޝިޕްގެ ގުރުއަތު ނެގުން ޖުލައި މަހުގެ 30ގައި ކަތުމަންޑޫގައި ބާއްވާގޮތަށް ހަމަޖައްސައިފި ކަމަށް ގޯލް ނޭޕާލް އިން ބުނެފި އެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު ފެށުމަށް މިހާރު އަވަސް ކޮށްފައިވާ މުބާރާތަކީ ރާއްޖެ ހިމަނައިގެން މި ސަރަހައްދުގެ އަށް ގައުމު ކަމަށްވާ އިންޑިޔާ، ސްރީލަންކާ، ޕާކިސްތާން، ނޭޕާލް، ބޫޓާން، ބަންގްލަދޭޝް އަދި އަފްޣާނިސްތާން ބައިވެރި ވެގެން ބާއްވާ ސަރަހައްދުގެ އެންމެ ބޮޑު އެއް ފުޓްބޯޅަ މުބާރާތެވެ.
ކުރިން ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު ފެށުމަށް ހަމަ ޖެހިފައިވާ މުބާރާތް އަވަސް ކުރުމުން ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަނުން ނިންމީ އޭއެފްސީ ކަޕާއި އޭއެފްސީ ޕްރެޒިޑެންޓްސް ކަޕުގައި ވާދަ ކުރާ، މި ސަރަހައްދުގެ ބައެއް ޓީމުތަށް ކުޅެންޖެހޭ މެޗުތައް އެދުވަސްވަރާ ދިމާވާތީވެ ގައުމީ ޓީމުތަކަށް ކުޅުންތެރިން ގެނައުމުގައި ދަތިތަކެއް ކުރިމަތިވާނެތީވެ އެވެ.
އޭއެފްސީ ކަޕުގެ ކުއާޓާ ފައިނަލުގައި ރާއްޖޭގެ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި، އިންޑިޔާގެ އީސްޓް ބެންގާލް ކުޅެންޖެހޭ މެޗުތައް ސެޕްޓެމްބަރު މަހުގެ 17 އަދި 24ގައި ކުޅުމަށް ހަމަޖެހިފައިވާއިރު ސެޕްޓެމްބަރު މަހު ސްރީލަންކާއި ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ ޕްރެޒިޑެންޓް ކަޕްގެ ފަނަލް ރައުންޑުގައި ނޭޕާލުގެ ތްރީ ސްޓާ ކްލަބާއި ޕާކިސްތާނުގެ ކޭއާރުއެލް ވާދަ ކުރާނެ އެވެ.
ސައުތު އޭޝީޔަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކު)ގައި ހިމެނޭ އަށް ގައުމު ވާދަކުރާ ސަރަހައްދުގެ ބޮޑު ފުޓްބޯޅަ މުބާރާތް މިފަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޭޕާލުގަ އެވެ.