29 May 2013, 14:45
ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގާނޫނުގެ ދަށުން އެ އޮތޯރިޓީގެ ފަންޑަށް ލިބެންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ އެއާޕޯޓް ސާވިސް ޗާޖުގެ ފައިސާތަކެއް ފިނޭންސް މިނިސްޓްރީން އެ އޮތޯރިޓީއަށް ދީފައި ނުވާކަން ހާމަވެއްޖެ އެވެ.
އޮޑިޓާ ޖެނަރަލްގެ އޮފީހުން މިއަދު ނެރުނު ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގާނޫނުގައި ރާއްޖެއިން ފުރާ ކޮންމެ މީހެއްގެ އަތުން ސާވިސް ޗާޖުގެ ގޮތުގައި ނަގާ ފައިސާގެ ތެރެއިން ދެ ޑޮލަރު ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހަރަދުތައް ކުރުމަށް އެ އޮތޯރިޓީގެ ފަންޑަށް ލިބެންޖެހޭ ކަމަށެވެ. ނަމަވެސް އެފަންޑަށް ލިބެންޖެހޭ ފައިސާ ފިނޭންސުން ދޫކޮށްފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ.
އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ އެ ފަންޑަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އެކި ފަހަރުމަތިން ފިނޭންސް މިނިސްޓްރީ އަށާއި އެޓާނީ ޖެނެރަލް އޮފީހަށް ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ސިޓީ ފޮނުވާފައިވީ ނަމަވެސް އެ ސިޓީތަކަށް ޖަވާބުދީފައި ނުވާ ކަމަށެވެ.
އޮޑިޓް އޮފީހުން ވަނީ އެ ރިޕޯޓްގައި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ފަންޑަށް ލިބެންޖެހޭ ފައިސާ ދިނުމަށް ފިނޭންސް މިނިސްޓްރީން ކުރަންޖެހޭ ކަންކަން ވީ އެންމެ އަވަހަކަށް ކުރުމަށް އަންގާފަ އެވެ.
އެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ އިތުރު ކަންތައްތަކުގެ ތެރޭގައި ސިވިލް އޭވިއޭޝަން އޮތޯރިޓީން ލައިސެންސް ފީ އާއި އެހެނިހެން ފީގެ ގޮތުގައި ހޯދަންޖެހޭ ފައިސާ ހޯދާފައި ނުވާކަން ފާހަގަކޮށްފައިވެ އެވެ. އެގޮތުން ދައުލަތައް ލިބެންޖެހޭ ފައިސާ ނުލިބި މަސް ދުވަސް ވެއްޖެނަމަ އެފައިސާ ހޯދުމަށް އަޅާ ފިޔަވަޅު އޮޑިޓް އޮފީހަށާއި ފިނޭންސް މިނިސްޓުރީއަށް އަންގަންޖެހޭ ކަމަށާއި ނަމަވެސް ސިވިލް އޭވިއޭޝަން އޮތޯރިޓީން އެކިއެކި ފަރާތްތަކަށް ފައިސާ ހޯދުމަށް ފޮނުވާފައިވާ ބިލްތަކަށް 1795307ރ. ނުލިބިހުރިއިރު އެގޮތަށް އަމަލުކޮށްފައިނުވާ ކަން ފާހަގަކޮށްފައިވެ އެވެ.
އެ ރިޕޯޓްގައި ބުނެފައި ވަނީ ސިވިލް އޭވިއޭޝަން އޮތޯރިޓީން މިދިޔަ އަހަރު ރާއްޖެ އާއި ރާއްޖެއިން ބޭރަށްކޮށްފައިވާ ދަތުރުތަކުގެ އިންސިޑެންޝަލް ފައިސާ ހަރަދުވި ގޮތުގެ ރިޕޯޓް ހުށައަޅާފައިވީ ނަމަވެސް އެ ރިޕޯޓް ހުށައަޅަފައިވާ ތާރީހު އެެނގެން ނެތް ކަމަށެވެ. އަދި ދަތުރުތައް ނިންމާފައި އަންނަތީ ސަރުކާރު ބަންދުނޫން ތިން ދުވަހުގެ ތެރޭގައި ދަތުރު ރިޕޯޓް ހުށައަޅަން ޖެހޭނެ ކަމަށާއި ނަމަވެސް އެ އޮތީރިޓީއިން މިދިޔަ އަހަރު ކުރި ދަތުރުތަކުގެ ރިޕޯޓްތައް ހުށައަޅާފައިވާ ތާރީހު އެގެން ނެތް ކަން ފާހަގަކޮށްފައިވެ އެވެ.
އެ އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ މިދިޔަ އަހަރު ސިވިލް އޭވިއޭޝަން އޮތޯރިޓީން މައިގަނޑު ގޮތަކަށް ހަރަދުތައް ކޮށްފައި ވަނީ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓާ އެއްގޮތަށް ބަޖެޓުގެ މަގުސަދު ހާސިލްވާ ގޮތަށް ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ދެކޭ ކަމަށެވެ.