29 May 2013, 14:22
ޗައިނާގައި ތުއްތު ކުއްޖެއް ފާހަނަ ހޮޅިއެއްގައި ތާށިވުމުގެ ހާދިސާ ހިނގާފައި ވަނީ ވިހެއުމުގެ ތެރޭގައި ކުއްޖާ ފާހާނައަށް ވެއްޓުމުން ކަމަށާއި އެއީ ގަސްތުގައިކޮށްފައިވާ ކަމެއް ނޫން ކަން ތަހުގީގަށް ސާބިތުވެފައިވާ ކަމަށް ޗައިނާގެ ފުލުހުން ބުނެފި އެވެ.
ޗައިނާގެ ފުލުހުންނާ ހަވާލާދީ އޭއެފްޕީ އިން ބުނީ އެ ކުއްޖާގެ މަންމައަކީ އުމުރުން 22 އަހަރުގެ އަންހެނެއް ކަމަށާއި މީހަކީ ނުއިނދެ ބަނޑުބޮޑުވުމުން އޭނާ އެކަން ސިއްރުކޮށްގެން ހުރީ ކަމަށެވެ. އަދި ތުއްތު ކުއްޖާ ވިހާފައި ވަނީ ފާހަނަކުރަން ފާހަނައަށް ވަތް ގަޑީގައި ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
މިހާދިސާ ހިނގާފައި ވަނީ ޗައިނާގެ އިރުމަތީ ޕްރޮވިންސް ޒެއިޖާންގުގެ ޖިންހުއާގަ އެވެ.
މިކުއްޖާ ފާހަނައިގެ ނަރުދަމާ ހޮޅީގައި ތާށިވުމުން ސިފައިންނާ ޑޮކްޓަރުން ގުޅިގެން ވަނީ ތުއްތު ކުއްޖާ ސަލާމަތްކުރުމަށް ޓަކައި އެއް ގަޑިއިރުގެ އޮޕަރޭޝަނެއް ހިންގާފަ އެވެ. ވަށަމިނުގެ ދިގުމިން (ޑައެމީޓާ)ގައި ހަތަރު އިންޗި ހުންނަ ހޮޅީގެ ތެރެއިން ކުއްޖާ ސަލާމަތްކޮށްފައި ވަނީ ތަންތަންކޮޅުން ހޮޅި ބުރިކޮށްގެން ނެވެ.
ތުއްތު ކުއްޖާ ސަލާމަތްކުރި އިރު ކުއްޖާގެ ފޫޅާއި މަސްވެސް ނުކަނޑާ އޮތް ކަމަށް މައުލޫމާތު ލިބެ އެވެ.
ޗައިނާގެ ފުލުހުންގެ އޮފިޝަލަކު އޭއެފްޕީ އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ ތުއްތު ކުއްޖާ ފާހަނަ ތައްޓަށް ވެއްޓުނީ އޮޅުމަކުން ކަން ތަހުގީގަށް ސާބިތުވެފައިވާ ކަމަށާއި އެހެންކަމުން މިމައްސަލާގައި މަންމަގެ މައްޗަށް ދައުވާ ނުކުރާނެ ކަމަށެވެ.
އެހެން ނަމަވެސް، ކުއްޖާގެ ބައްޕަ ހޯދަމުންދާ ކަމަށާއި އަދި އޭނާ ފެނިފައިނުވާ ކަމަށް ފުލުހުން ބުނެ އެވެ.
ފާހަނައިގެ ނަރުދަމާ ހޮޅީގައި ތާށިވުމަށް ފަހު ސަލާމަތްކުރުމާ ދެމެދު ދެ ގަޑިއިރާއި ތިން ގަޑިއިރާ ދެމެދުގެ މުއްދަތަކަށް ތުއްތު ކުއްޖާ ހޮޅީގެ ތެރޭގައި ތާށިވެފައިވާ ނަމަވެސް ކުއްޖާ އަށް ސީރިއަސް އަނިޔާތަކެއް ލިބިފައެއް ނުވެ އެވެ.
ކުއްޖާ އަށް ފަރުވާދިން ޕޫޖިއަން ޕީޕަލްސް ހޮސްޕިޓަލުން ބުނީ ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ.