29 May 2013, 14:03
ށ. ފޭދޫގައި 15 އަހަރުގެ ކުއްޖަކު ވިހެއި ތުއްތު ދަރިފުޅު މަރާލި ކަމުގެ ތުހުމަތުގައި "ކުއްޖަކު މަރާލުމުގެ ކުށުގެ ދައުވާ" އުފުލާފައިވާ ދެމަފިރިންނަށް ދައުލަތުގެ އެހީގައި ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތު ކްމިނިނަލް ކޯޓުން ދީފި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު މިއަދު ވިދާޅުވީ ށ. ފޭދޫ ބްލޫހެވަން އަބްދުލްޣަފޫރު ގާސިމް އާއި އޭނާގެ އަނބިމީހާ އެ ރަށު ވައިމަތީއާގޭ އަޒީޒާ އިބްރާހީމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހުރިހާ ޝަރީއަތްތަކެއް ވެސް ކުރިއަށް ގެންދަން ބޭނުން ވަނީ ގާނޫނީ ވަކީލަކު ހަމަޖެއްސުމަށް ފަހު ކަމަށް އެ ދެ މީހުން ބުނެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ދެ މީހުންގެ ޝަރީއަތްތައް މިއަދު ބާއްވަން ޝެޑިއުލް ކުރީ ވަކީލަކު ހަމަޖެއްސުމަށް ފަހު އެ ދެ މީހުން ކޯޓަށް ހުށަހަޅާފައިވާތީ ކަމަށެވެ. ނަމަވެސް ވަކީލަށް ބޮޑު ޚަރަދެއް ކުރަން ޖެހޭތީ ދައުލަތުގެ އެހީގައި ވަކީލަކު ހަމަޖައްސަން ބޭނުންވާ ކަމަށް އެ ދެ މީހުން މިއަދު ބުނެފައިވާތީ އެ ފުރުސަތު ކޯޓުން ދީފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"ށ. ފޭދޫ ބްލޫހެވަން އަބްދުލްޣަފޫރު ގާސިމް އާއި ށ. ފޭދޫ ވައިމަތީއާގޭ އަޒީޒާ އިބްރާހީމް މިއަދުގެ ޝަރީއަތުގައި ބުނެފައި ވަނީ ދައުލަތުގެ ފަރާތުން ވަކީލަކު ހަމަޖައްސަން ބޭނުންވާ ކަމަށް. އެހެންކަމުން ގާޒީ ވަނީ އެ ދެ މީހުންނަށް ވެސް އެ ފުރުސަތު ދީފައި. ދެން އެ މައްސަލަތަކުގެ ޝަރީއަތް އޮންނާނީ އެ މީހުން ވަކީލަކު ހަމަޖެއްސުމުން،" މަނިކު ވިދާޅުވި އެވެ.
ކުއްޖަކު މަރާލުމުގެ ދައުވާ އެ ދެ މީހުންގެ މައްޗަށް އުފުލާފައި ވަނީ 15 އަހަރުގެ އަންހެން ކުއްޖަކު ވިހެއި ދަރިފުޅު އެ ދެ މީހުންގެ އިހުމާލުން މަރުވުމުން އެ ރަށު ވައިމަތީއާގޭ ގިފިލިތެރޭގައި ވަޅެއްކޮނެ އެ ކުއްޖާ ވަޅުލާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.
އެ ދައުވާގެ އިތުރުން އަބްދުލްޣަފޫރުގެ މައްޗަށް ވަނީ އިތުބަރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ. އެ ދައުވާ އަބްދުލްޣަފޫރުގެ މައްޗަށް ކޮށްފައި ވަނީ އޭނާގެ ދޮންދަރިއަކާ މެދު އެކި ދުވަސްމަތިން ޖިންސީ އަމަލު ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.
އަޒީޒާގެ މައްޗަށް އުފުލާފައިވާ ދެވަނަ ދައުވާ އަކީ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގިކަން އެގިހުރެ އެ މައުލޫމާތު ފުލުހުންނަށް ނާންގައި ހުރުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ އޭނާގެ މައްޗަށް ކޮށްފައި ވަނީ 15 އަހަރުގެ އަންހެން ކުއްޖަކާ މެދު އޭނާގެ ފިރިމީހާ ޖިންސީ އަމަލު ހިންގި ކަން އެގިހުރެ އެ މައުލޫމާތު ފުލުހުންނަށް ނާންގައި ހުރިކަމަށް ތުހުމަތު ކުރެވޭތީ އެވެ.
ށ. ފޭދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ފުލުހުން ގޮސް އަބްދުލްޣަފޫރު ދިރިއުޅޭ ގެ ބަލައި ފާސްކުރި އިރު އެގޭގެ ކޮޓަރިއެއްގެ ތެރެއިން އޮރިޔާން މަންޒަރު ދައްކުވައިދޭ ސީޑީތަކެއް ފެނިފައިވާ ކަމަށް ބުނެ ދައުލަތުން ވަނީ އޭނާގެ މައްޗަށް "އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ" އުފުލާފަ އެވެ.
އެ ހުރިހާ ދައުވާތަކަށް ވެސް އެ ދެމަފިރިން ވަނީ އިންކާރުކޮށްފަ އެވެ.