ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި ސިފައިންގެ މީހަކަށް ވަޅިން ހަމަލާދިން މައްސަލައާ ގުޅުން ހުރި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އެގައުމުގެ ފުލުހުން ބުނެފި އެވެ.

ފަރަންސޭސިވިލާތުގެ އިންޓީރިއާ މިނިސްޓަރު މެނުއަލް ވޯލްސް މިއަދު ވިދާޅުވީ އުމުރުން 22 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާ ހައްޔަރުކޮށްފައި ވަނީ ވެރިރަށް ޕެރިހުގެ 45 ކިލޯމީޓަރު ހުޅަނގު ދެކުނުގައިވާ ޔުވެލީންސް ނަމަކަށް ކިޔާ އަވަށަކުން ކަމަށެވެ.

ފަރަންސޭސި ފުލުހުން ބުނީ މިމީހާ ހައްޔަރުކުރީ މިދިޔަ ހޮނިހިރު ދުވަހު ސިފައިންގެ މީހާ އަށް ހަމަލާދިން ސަރަހައްދުން ފެނިފައިވާ ހެކިތަކާއި ސީސީޓީވީ ފުޓޭޖްއިން ލިބިފައިވާ ހެކިތަކުގެ އެހީގައި ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ސިފައިންގެ މީހާ އަށް ހަމަލާދީފައި ވަނީ އެހެން ދެ ސިފައިންނާ އެކު އޭނާ ޕެރިހުގެ ބިޒްނަސް ޑިސްޓްރިކްޓެއްގައި ފޯރިމަރަމުން ދަނިކޮށެވެ.

ވަޅިއަކުން ކަރަށް ހަމަލާދިނުމުގެ ސަބަބުން ސިފައިންގެ މީހާގެ ހާލު ސީރިއަސް ނަމަވެސް، އޭނާ ސަލާމަތްވާނެ ކަމަށް ފަރަންސޭސިވިލާތުގެ ޕެރިހުގައި ހުންނަ އަސްކަރީ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.