ހޮލިޑޭ އިން ރިޒޯޓްސް ހިންގަމުން އަންނަ އިނގިރޭސިވިލާތުގެ މަޝްހޫރު ހޮޓެލް ޗޭނެއް ކަމަށްވާ އިންޓަ ކޮންޓިނެންޓަލް ހޮޓެލް ގްރޫޕް (އައިއެޗްޖީ) އިން ރާއްޖޭގައި ޓްރޭނިން އެކަޑަމީއެއެއް މިއަދު އިފްތިތާހުކޮށްފި އެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީއާ ގުޅިގެން، ހޮލިޑޭ އިން ރިޒޯޓް ކަނޑޫމާ މޯލްޑިވްސްގައި އައިއެޗްޖީ އެކަޑަމީ ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ ޔުނިވަސިޓީގެ އޮޑިޓޯރިއަމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އައިއެޗްޖީ އެކަޑަމީ އަކީ ތައުލީމީ މުއައްސަސާތަކާ އެ ކުންފުންޏާ ގުޅިގެން މީހުން ތަމްރީނުކުރުމުގެ ޕްރޮފްރާމް ހިންގުމަށް ގާއިމު ކުރި އެކަޑަމީއެއް ކަމަށް އެކުންފުނިން ބުންޏެވެ. ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ އެއް ހޮޓެލް ކުންފުނި ކަމަށްވާ އެ ކުންފުނީގެ ހޮޓާތަކާއި ރިޒޯޓްތަކުގައި ތަމްރީނު ވުމުގެ ފުރުސަތު އެކަޑަމީގެ ސަބަބުން މީހުންނަށް ލިބޭނެ ކަމަށް ވެސް ބުންނެވެ.

އަދި އެކަމުގެ ސަބަބުން އެ ކުންފުނީގެ ހޮޓާތަކާއި ރިޒޯޓްތަކުގައި މަސައްކަތް ކުރާނެ ހުނަރުވެރި މީހުން ލިބވޭނެ ކަމަށް ވެސް އައިއެޝްޖީން ބުންނެވެ.

އައިޖީއެޗްގެ އެކަޑަމީއަކީ ވަރަށް ތަފާތު ޕްރޮގްރާމެއް ކަމަށް ކުންފުނިން ބުންޏެވެ. އެގޮތުން އެ ޕްރޮގްރާމްގެ ތެރެއިން ރާއްޖޭގެ މުޖުތަމައުތަކަށް ބޭނުންވާ މީހުން ތަމްރީނުކުރުމުގެ އިތުރުން ބައިނަލްއަގުވާމީ ރިޒޯޓްތަކާއި ހޮޓާތަކުގައި މަސައްކަތް ކުރެވޭ ފެންވަރަށް ވެސް ތަމްރީނު ކުރާނެ ކަމަށް ބުންޏެވެ.

އެކަޑަމީ ލޯންޗް ކުރުމުގެ ގޮތުން ނެޝަނަލް ޔުނިވަސިޓީއާ އެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރް ޑރ. އާސިމް އަހުމަދާއި ޔުނިވަސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރް ހުސައިން ހަލީމްއާއި ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސްގެ ޑީން ޒީނާޒް ހުސައިންއާއި ހޮލިޑޭ އިންގެ ޖެނެރަލް މެނޭޖަރު ކްރިސް ބެޓަހަމްއާއި އެރިޒޯޓްގެ ޑައިރެކްޓަރް އޮފް ހިއުމަން ރިސޯސަސް ޝާހިދު ހުސައިން ބައިވެރިވަޑައިގެންނެވި އެވެ.