ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލަ ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރުންގެ ބެންޗު އެކުލަވާލާފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައިކޯޓަށް ހުށަހެޅި މައްސަލައިގައި ޖޭއެސްސީން ނެގި އިޖުރާއީ ނުކުތާތަކަށް ގޮތެއް ނިންމުމަށް މިއަދު ބާއްވަން އޮތް ޝަރީއަތް ކެންސަލް ކޮށްފި އެވެ.

ހައިކޯޓުގެ މީޑިޔާ އޮފިޝަލް އަމީން ފައިސަލް މިއަދު ސަން އަށް ވިދާޅުވީ މިއަދު ބޭއްވުމަށް އޮތް ޝަރީއަތް ކެންސަލް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ޝަރީއަތް ކެންސަލް ކުރީ ކީއްވެ ކަމެއް އޭނާ ވިދާޅެއްނުވެ އެވެ.

އިޖުރާއި ނުކުތާތަކާ މެދު ހައިކޯޓުން ގޮތެއް ނިންމަން ބާއްވާ އޮތް ޝަރީއަތުގެ މަޖިލީސް ޝެޑިއުލް ކޮށްފައި ވަނީ މިއަދު 14:45 އަށެވެ.

ރައީސް ނަޝީދު ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ ހަސަން ލަތީފް މިއަދު ވިދާޅުވީ އެ މައްސަލަ ކެންސަލްކޮށްފައި ވަނީ އެ މައްސަލަ ބައްލަވާ އެއް ފަނޑިޔާރު މިއަދު ސަލާމްގައި ހުންނެވީމާ ކަަމަށް ކޯޓުން ބުނެފައިވާ ކަމަށެވެ.

ނަޝީދު ހައިކޯޓަށް ހުށަހަޅުއްވާފައިވާ އެ މައްސަލަ އަވަސްކޮށް ދިނުމަށް ޖޭއެސްސީން ވަނީ އެދިފަ އެވެ.