28 Oct 2010, 09:11
ފުލުހުންގެ އަތުގައި ހުރި ކަރުނަގޭސް ސްޓޮކް މިހާރު ހުސްވެފައިވާ ކަމަށާއި ވީހާ އަވަހަށް ކަރުނަގޭސް ސްޓޮކެއް ފޮނުވުމަށް ދިވެހި ސަރުކާރުން އިންޑިޔާ ސަރުކާރުގައި އެދިފައިވާ ކަމަށް އިދިކޮޅު ޑީއާރުޕީން ބުނެފި އެވެ.
ޑީއާރުޕީ އޮފީހުގައި މިއަދު މެންދުރު ބޭއްވި ނިއުސްކޮންފަރެންސެއްގައި، އެ ޕާޓީގެ ޑިޕިއުޓީ ލީޑަރު އުމަރު ނަސީރު ވިދާޅުވީ ފުލުހުންގެ އަތުން މިހާރު ކަރުނަގޭސް ހުސްވެފައިވާ ކަމުގެ މައުލޫމާލު ލިބިވަޑައިގެންފައިވާ ކަމަށާއި ފުލުހުންގެ އަތުގައި ކަރުނަގޭސް ނެތިގެން، ސަރުކާރާ ދެކޮޅަށް ޑީއާރުޕީން ހޯމަ ދުވަހުގެ ރޭ ބޭއްވި މުޒާހަރާ ރޫޅައިލުމަށް ފުލުހުން ބޭނުންކުރި ކަރުނަގޭހަކީ އެމްއެންޑީއެފުން ހޯދި ސްޓޮކެއް ކަމަށް ވެސް އުމަރު ތުހުމަތު ކުރެއްވި އެވެ.
އުމަރު ވިދާޅުވީ، ކަރުނަގޭސް ފޮނުވުމަށް، ދިވެހި ސަރުކާރުން އިންޑިޔާ ސަރުކާރުގައި އެދިފައި ވަނީ، އެމްއެންޑީއެފްގެ ސްޓޮކް ވެސް މަދުވެގެން ކަމަށެވެ. އަދި އެކަމާ ގުޅިގެން މި ސަރުކާރަށް ކަރުނަގޭސް ނުދިނުމަށް އެދި އިންޑިޔާގެ ހައިކޮމިޝަނަރަށް މިއަދު ދަންނަވާފައިވާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
"ކުއްލިޔަކަށް އިންޑިޔާ ސަރުކާރުގައި މި ސަރުކާރުން އެދިއްޖެ ކަރުނަގޭސް އިތުރަށް ސަޕްލައިކޮށްދޭން. އެ މައުލޫމާތު ލިބުމާ ގުޅިގެން އަޅުގަނޑާއި އަނެއް ނާއިބު ލީޑަރު އިލްހާމް އަހްމަދާ ދެމީހުން ސޮއިކޮށް، އިންޑީޔާ ސަފީރަށް މިއަދު އޮންނާނެ ސިޓީއެއް ފޮނުވައިފައި. އެ ސިޓީގައި ދަންނަވާފައި ވާނެ ކަރުނަގޭސް ނުދެއްވާށޭ. މި ސައުކާރުން ކަރުނަގޭސް ބޭނުން ކުރަނީ، ބައިނަލް އަގްވާމީ ހަމަތަކާ ހިލާފަށް އަދި ރާއްޖޭގެ ގާނޫނު އަސާސީއާ ހިލާފަށޭ. މިގައުމަށްދޭ ކޮންމެ ކަރުނަގޭހަކީ މި ގައުމުގެ ކުށެއްނެތް އާއްމު ރައްޔިތުން، ގާނޫނީ ހަމަތަކުގެ މަތިން ގާނޫނު އަސާސީގެ 32 ވަނަ މާއްދާގެ ދަށުން ލިބިދޭ އެއްވެ އުޅުމުގެ މިނިވަންކަން ބޭނުންކުރަމުން ދަނިކޮށް އެމީހުންނާ ދެކޮޅަށް ބޭނުންކުރާނެ އެއްޗެއްކަމަށް ބުނެފައި" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑީއާރުޕީން އެދިފައިވާ ގޮތަށް އިންޑިޔާ ސަރުކާރުން އެކަން ކޮށްދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
އުމަރު އަދި ވިދާޅުވީ، ހޯމަ ދުވަހުގެ ރޭ ޑީއާރުޕީން ބޭއްވި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ފުލުހުން ކަރުނަގޭސް ބޭނުންކޮށްފައި ވަނީ، އެއްވެސް އިންޒާރެއްނެތިކަށެވެ. އަދި އޭނާ ވިދާޅުވީ އެރޭ ދެވަނަ ފަހަރަށް އެއްލި ގޭސް ކެމިސްޓާ އިން ޖެހުމުގެ ސަބަބުން، އޭނާގެ ބުރަކައްޓާއި އަތާ އެކު ފިހިފައިވާކަމަށެވެ.
އަދި މިއަދުގެ ނޫސް ކޮންފަރެންސްގައި އޭނާގެ އަތުގައި ހުރި ޒަހަމްތައް ނޫސްވެރިންނަށް ވަނީ ދައްކައިލައިފަ އެވެ.
މިކަމާގުޅޭ ގޮތުން ސަރުކާރުގެ ބަހެއް ހޯދުމަށް، ޕަރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރަށް ގުޅި އިރު، އޭނާ ފޯނު ނުނެންގެވުމުގެ ސަބަބުން ވަނީ އޭނާގެ ބަހެއް ލިބޭ ގޮތް ނުވެފަ އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ސަބްއިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ޝިޔާމު މިއަދު ވިދާޅުވީ، ގައުމީ ސަލާމަތާ ގުޅޭ ގޮތުން އެއްވެސް ފަރާތަކާއެކު ކުރެވޭ މުއާމަލާތަކާއި، އެފަދަ އެއްވެސް ވަސީލަތަކާ ބެހޭ އެއްވެސް މައުލޫމާތަކީ ހާމަކުރެވޭނެ މައުލޫމާތެއް ނޫން ކަމަށެވެ.
އިންޑިއަން ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ ނަރަޔާރަން ސުވާމީ މިއަދު ވިދާޅުވީ ދިވެހި ސަރުކާރަށް ކަރުނަ ގޭސް ބޭނުންވެގެން އިންޑިއާ ސަރުކާރުގައި އެދިފައިވާ ކަން އޭނާ އަށް އެނގިވަޑައިގެންފައި ނުވާ ކަމަށާއި އެއީ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ.