ހުރަވީ ބިލްޑިންގްގައި ހުންނަ ޓްރާންސްޕޯޓް އޮތޯރިޓީން ކަރަންޓް ވައިރިންގެ މައްސަލަތަކެއް ދިމާވެފައި ވަނިކޮށް، އިއްޔެ މުޅިން ތަނުން ކަރަންޓް ދިއުމާ ގުޅިގެން ހިދުމަތް މެދުކަނޑާލުމަށް ފަހު އަލުން މިއަދު ހިދުމަތް ދޭން ފަށައިފި އެވެ.

ޓްރާންސްޕޯޓް އެތޯރިޓީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ނާޒިމް މިއަދު ވިދާޅުވީ ހިދުމަތް އަލުން ދޭން ފަށައިފައި ވަނީ ޓެކްނީޝަނެއް ގެނެސްގެން ކަރަންޓް މައްސަލައަށް ވަގުތީ ހައްލެއް ހޯދުމަށް ފަހު ކަމަށެވެ. އަދި މިހާރު ކުރިއެކޭ ވެސް އެގޮތަށް ހިދުމަތް ދެމުން ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ތަނަށް ބަދަލުވި އިރުން ފެށިގެން މިފަދަ މައްސަލަތަކެއް މިދަނީ ދިމާވަމުން، މިހާރު މިވަނީ ވަގުތީ ހައްލެއް ހޯދައިފައި." ނާޒިމް ވިދާޅުވި އެވެ.

ގިނަ ދުވަސްވެތަކެއްވެ ހަލާކުވެފައިވާ އެ އިމާރާތަށް މީގެ ކުރިން އެފަދަ އެތައް މައްސަލަތަކެއް ދިމާވެފައިވާ ކަމަށާއި އިމާރާތުގައި މީދާ އުޅުމުގެ ސަބަބުން ކަރަންޓް ނަރުތައް މީދާ ކެއުމާއި ވާރޭ ވެހި އިމާރާތަށް ފެންވަނުމުގެ މައްސަލަތައް ދިމާވެފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ވަނީ މީގެކުރިން ބުނެފަ އެވެ.