29 May 2013, 11:52
ތ. ތިމަރަފުށީގައި ހަދާ އެއާޕޯޓްގެ މަސައްކަތް މުޅިން ނިންމާލަން 58 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިއަދު ވިދާޅުވެއްޖެ އެވެ.
"ސަން"އާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެ އެއާޕޯޓް މުޅިން ނިންމާލަން ބޭނުންވާ ފައިސާ ބަޖެޓްގެ ތެރެއިން އެއާޕޯޓްސް ކޮމްޕެނީ އަށް ހަމަޖައްސައިދެވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
"އަޅުގަނޑުމެން މިގެންދަނީ މިހާރު ފާސްކޮށްފައިވާ ބަޖެޓްގެ ތެރެއިން ނުވަތަ ސަޕްލިމެންޓްރީ ބަޖެޓްގެ ތެރެއިން އެ ފައިސާ ހަމަޖެއްސޭތޯ މަސައްކަތްކުރަމުން. އެކަމާ ގުޅޭ ބައްދަލުވުމެއް މިއަދު ބާއްވާނަން. އެ މަސައްކަތް ނިންމުމަށް ލޯނެއް ހޯދުމުގެ ވިސްނުމެއް ނެތް،" ޖިހާދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ތިމަރަފުށީ އެއާޕޯޓާ ގުޅޭ ގޮތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެދުނު މައުލޫމާތެއް ސާފުކޮށްދިނުމުގެ ގޮތުން ސިޓީއެއް ފޮނުއްވި ކަމަށެވެ. އަދި އެ ސިޓީގައި އެ ރަށުގެ އެއާޕޯޓްގެ މަސައްކަތް މުޅިން ނިންމާލަން 58 މިލިއަނަށް ވުރެ ގިނަ ރުފިޔާ ބޭނުންވާ ކަމަށް ދަންނަވާފައިވާނެ ކަމަށް ވެސް ޖިހާދު ވިދާޅުވި އެވެ.
ތިމަރަފުށީގައި އެއާޕޯޓެއް ތަރައްގީކުރުން ސަރުކާރުން ހަވާލުކޮށްފައި ވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީއާ އެވެ. އަދި އެތަނުގެ ކޮންޓްރެކްޓް އެ ކުންފުނިން 32 މިލިއަން ރުފިޔާ އަށް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ އެވެ.
އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ރަންވޭއާއި ޓެކްސީވޭ އާއި އޭޕްރަން އަދި ފަޔާ އެންޑް އެކްސެސް ރޯޑްސް އަދި ރަންވޭއާއި ސެކިއުރިޓީ އޭރިއާގެ މަސައްކަތްތައް މިހާރު ވަނީ ނިމުމަކާ ހަމަޔަށް ގޮސްފަ އެވެ.
އެ ރަށުގެ އެއާޕޯޓުގެ މަސައްކަތް ނުނިމި ލަސްވަނީ ޕީޕީއެމްގެ އިސް ބޭފުޅަކު ރައީސް މުހައްމަދު ވަހީދު އަރިހުގައި ދަންނަވައިގެން ކަމަށް ވިދާޅުވެ، އެ ދާއިރާގެ މަޖިލީހުގެ މެމްބަރު އަހުމަދު ޝަރީފު ވަނީ ވާހަކަ ދައްކަވައިފަ އެވެ. ނަމަވެސް ޕީޕީއެމް އިން ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ. އަދި ޝަރީފް ވަނީ ޕީޕީއެމް އިން ވަކިވެ ރައީސް ވަހީދުގެ ގައުމީ އިއްތިހާދު ޕާޓީއާ ގުޅިވަޑައިގަންނަވަން ނިންމަވަައިފަ އެވެ.