29 May 2013, 11:22
މަލީޝާ ގުރޫޕްގެ ވެރިޔާ އިސްމާއިލް އަބްދުއްލަތީފު އަނބުރާ ދައްކާނެ ކަމަށް ބުނެ އަމިއްލަ ފަރާތެއްގެ އަތުން ނަގާފައިވާ ހަ މިލިއަން ރުފިޔާ ހޯދަން އޭނާއާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
މަލީޝާގެ ވެރިޔާގެ އަތުން ފައިސާ ހޯދުމަށް ދައުވާކޮށްފައި ވަނީ އިސްމާއިލް ރަޝީދު (ސުވެނިއާސް ރަޝީދު) އެވެ.
އިސްމާއިލް ރަޝީދުގެ ފަރާތުން "ސަން"އަށް މައުލޫމާތު ދިން މީހަކު ބުނީ މި މައްސަލައަކީ މަލީޝާ ގުރޫޕްގެ ވެރިޔާ އިސްމާއިލް އަބްދުއްލަތީފު އެކިފަހަރު މަތިން އަނބުރާ ދައްކާނެ ކަމަށް ބުނެ، ސުވެނިއާސް ރަޝީދުގެ އަތުން ނަގާފައިވާ ހަ މިލިއަން ރުފިޔާ އަނބުރާ ހޯދުމަށް ކުރާ ދައުވާއެއް ކަމަށެވެ.
މަދަނީ ކޯޓުން މިއަދު ބުނީ އިސްމާއިލް އަބްދުއްލަތީފުގެ މައްޗަށް ސުވެނިއާސް ރަޝީދު ކުރާ ދައުވާއެއް ކޯޓަށް މިއަދު ހުށަހަޅާފައިވާ ކަމަށާއި އަދި މިހާތަނަށް އެ ދައުވާއާ ގުޅޭ ތަފްސީލް ރެޖިސްޓްރާއާ ހަމައަށް ލިބިފައިނުވާ ކަމަށެވެ.
މި މައްސަލަ ކޯޓަށް ބަލައިގަންނާނީ މައްސަލައިގެ ތަފްސީލް ލިބުމަށްފަހު ކޯޓުން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހުގައި ކަމަށް މަދަނީ ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.
އިސްމާއިލް އަބްދުއްލަތީފުގެ މައްޗަށް ދައުލަތުން ވެސް ހިޔާނާތުގެ ދައުވާއެއް އުފުލަ އެވެ. އެ ދައުވާގައި ބުނަނީ މިދިޔަ އަހަރު މީހުން ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން 8.6 މިލިއަން ރުފިޔާ ނެގުމަށްފަހު، އެ މީހުން ހައްޖަށް ގެންގޮސްނުދީ އިސްމާއިލް އަބްދުއްލަތީފު އެ ފައިސާއަށް ހިޔާނަތްތެރިވެފައިވާ ކަމަށެވެ.