ދީނީ އިލްމުވެރިޔާ އަދި ފިގުހު އެކަޑަމީގެ ނައިބު ރައީސް ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ގޭގެ ސިޑިގޮޅި ކައިރިން މަރާމާރީ ހިންގަން ބޭނުންކުރާ ޒާތުގެ ތޫނު "ހަތިޔާރުތަކެއް" ފެނިއްޖެ އެވެ.

ޑރ. އިޔާޒް މިއަދު ވިދާޅުވީ މާރާމާރީ ހިންގުމަށް ބޭނުން ކުރާ ޒާތުގެ ތޫނު ހަތިޔާރުތަކެއް އޭނާ ދިރިއުޅުވާ ހ. ލަކީގޭ ސިޑިގޮޅި ކައިރިން ފެނުނީ އެގޭގައި ކުއްޔަށް ދިރިއުޅޭ ބަޔަކަށް ކަމަށެވެ. އަދި އެ މީހުން އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރުމުން ފުލުހުން އައިސް އެ ތަކެތި ގެންދިޔަ ކަމަށް ވެސް އިޔާޒް ވިދާޅުވި އެވެ.

"އެގޭގައި ކުއްޔަށް އުޅޭ ބަޔަކަށް ފެނުނީ އެތަކެތި. އެމީހުން ފުލުހުނަށް ރިޕޯޓު ކުރުމުން ފުލުހުން އައިސް ވަނީ އެތަކެތި ގެންގޮސްފަ،"

އެގެއިން ފެނިފައި ވަނީ ކަތިވަޅިއަކާއި ދަގަނޑު ބުރިއަކާއި އިސްތަށިގަނޑެއްގެ އިތުރުން މޫނުގައި އަޅާ މާސްކެއް ކަމަށް ވެސް އިޔާޒް ވިދާޅުވި އެވެ.

އެހެން ނަމަވެސް ހަމަލާއެއްދޭނެ ކަމުގެ އެއްވެސް އިންޒާރެއް މިހާތަނަށް އެއްވެސް ގޮތަކަށް އައިސްފައިނުވާ ކަމަށް އިޔާޒް ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެފަދަ މައްސަލައެއް ފުލުހުން ބަލަމުން އަންނަ ކަމަށެވެ.