ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލަން ރޭވި ކަމަށް އެ މައްސަލާގައި ހިމެނޭ ހުސައިން ހުމާމް ޝަރީއަތުގައި ބުނެފައިވާ ސިފައިންގެ މީހާ ކަމުގައިވާ ހ. ހިލްޓަން އަޒްލީފް ރައޫފްގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިދީފި އެވެ.

ފުލުހުން ބުނީ އަޒްލީފްގެ ބަންދުގެ މުއްދަތު ޒަހައިދީފައިވަނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ރޭ ކޯޓަށް އޭނާ ހާޒިރުކުރުމުން ކަމަަށެވެ. ނަމަވެސް އޭނާ ހައްޔަރުކޮށްފައިވަނީ ސީދާ ކޮން މައްސަަލައެއްގައި ކަމެއް މިހާތަނަށް ފުލުހުން ހާމަކޮށްފަ އެއް ނުވެ އެވެ.

އަޒްލީފް މައްޗަށް ފުލުހުން ކޮށްފައިވާ ތުހުމަތަކީ ޓެރަރިޒަމާއި ބިރުދެއްކުމާއި ގޭންގު ކުށްތައް ކުރުމާއި ގޭންގު ހިންގުމާއި އަދި ގޭންގު މެދުވެރިކޮށް ޖިނާއީ އެކިއެކި ކުށް ކުރަން ރޭވި ކަމުގެ ތުހުމަތެވެ.

އަފްރާޝީމްގެ މަރުގެ މައްސަލާގެ ޝަރީއަތުގައި ހުސައިން ހުމާމް ބުނެފައި ވަނީ އަފްރާޝީމް މަރާލުމުގެ ކަންތައްތައް ރާވާފައިވަނީ އަޒުލީފު ކަމަށެވެ. އަދި އޭނާއަކީ ޒުވާނުން ބޭނުންކޮށްގެން ފައިސާ ދީގެން މާރާމާރީ ހިންގަމުންދާ މީހެއް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

އެ މައްސަލައިގެ ތުހުމަތުގައި އަޒްލީފް މީގެކުރިން ހައްޔަރުކުރި ނަމަވެސް އޭނާ ވަނީ ކޯޓު އަމުރަށް ދޫކޮށްލައިފަ އެވެ. ނަމަވެސް ޑރ. އަފްރާޝީމް އަވަހާރަކޮށްލަން ރޭވުމުގައި ބައިވެރިވި ކަމަށް ޝަރީއަތުގައި ހުމާމް ބުނެފައިވާ އަބްދުﷲ ޖާވިދު (ޖާ) އާއި ޝަހީން މުހައްމަދު އަދި އާދަމް ސޮލާހު (ސްޕައި)ގެ ފާސްޕޯޓް ފުލުހުންގެ އެދުމަކަށް ކޯޓު އަމުރެއްގެ ދަށުން ވަނީ ހިފަހައްޓަައިފަ އެވެ.