29 May 2013, 10:16
ހުޅުމާލޭގައި ދުއްވާ ބަހުގެ ހިދުމަތްތައް ރަނގަޅު ކުރުމަށް ފުލީ އޮޓޮމެޓިކް އެއާކޮންޑިޝަން ހަތަރު ބަސް ރާއްޖެ ގެނެސްފައިވާ ކަމަށާއި މިއަންނަ މަހު އެބަސްތަކުގެ ދަތުރުތައް ފެށޭނެކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.
އެމްޓީސީސީގެ ޓްރާންސްޕޯޓް އެކްޒެކެޓިވް އިސްމާއިލް ފާރިގު މިއަދު ވިދާޅުވީ އަލަށް ގެނެސްފައިވާ ހަތަރު ބަސް ގެނައުމުގެ ޕްރޮޖެކްޓް 8.6 މިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ. އަދި އެއިގެން ކޮންމެ ބަހެއްގައި ޖުމުލަ 62 މީހުންނަށް ދަތުރުކުރެވޭ އިރު އޭގެތެރެއިން 42 މީހުންނަށް އިށީނދެ ތިބެވޭ އިރު 20 މީހުނަށް ކޮޅަށް ތިބެވޭނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އާ ހަތަރުބަހުގެ ހިދުމަތް ފެށުމާއެކު ހުޅުމާލޭގެ މީހުން އުޅޭ ސަރަހައްދުތަކުގެ ތެރެއިން މިހާރު ބަހުގެ ހިދުމަތް ނުދެވޭ ސަރަހައްދުތަކަށް ބަސް ދަތުރުގެ ހިދުމަތްތައް ފެށިގެންދާނެ ކަމަށެވެ.
އެ ބަސްތަކުގެ ދަތުރުތައް ފެށުމާ އެކު ދުވާލެއްގެ މައްޗަށް ގާންގަނޑަކަށް 8،000 އާއި 10،000 އާ ދެމެދުގެ މީހުންނަށް ހިދުމަތް ދެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެމްޓީސީސީ އިން ބުންޏެވެ.