29 May 2013, 09:58
ޗައިނާގައި ފާހާނާ ތައްޓަށްލައި ފްލަޝްކޮށްލާފައިވާ ކަމަށް ބެލެވޭ ތުއްތު ކުއްޖަކު ފާހާނާ ހޮޅި ތެރޭގައި ދިރިއޮއްވައި ސަލާމަތްކޮށްފި އެވެ.
ޗައިނާގެ އޮފިޝަލުންނާ ހަވާލާދީ އަޔަލޭންޑްގެ އައިރިޝް ޓައިމްސް އިން ބުނީ ފާހާނާ އަށް ޑޮކްޓަރުންގެ އަތް ނުވަންނާތީ ކުއްޖާ ސަލާމަތްކުރީ ފަރުވާތެރިކަމާ އެކު ހޮޅިން ބައެއް ކަފާލައިގެން ކަމަށެވެ.
ހޮޅީގެ ތެރޭގައި ކުއްޖާ އޮތް ހިސާބު ބުރިކޮށްލައިގެން ހޮސްޕިޓަލަށް ގެނައީ އަލިފާން ނިވާމީހުން ކަމަށް ނޫހުގައިވެ އެވެ.
އަލިފާން ނިއްވާ މީހުން ހޮސްޕިޓަލަށް ގެންދިޔަ ހޮޅިބުރީގެ ތެރެއިން ކުއްޖާ ސަލާމަތްކުރުމަށް ކުރި ދެގަޑިއިރުގެ މަސައްކަތް ދައްކުވައިދޭ ވީޑިއޯ ޗައިނާގެ ޓީވީޗެނަލްތަކުން ވަނީ ތަކުރާރުކޮށް ފޮނުވާފަ އެވެ.
"ބޭބީ 59"ގެ ނަން މިހާރު ދީފައިވާ އެ ފިރިހެންކުއްޖާގެ ހާލު މިހާރު ރަނގަޅު ކަމަށާއި އެ ކުއްޖާ އަށް އެ ނަން ދީފައި ވަނީ ހޮސްޕިޓަލުގައި ކުއްޖާ ބާއްވާފައި އޮތް އިންކިއުބޭޓަރުގެ ނަމްބަރަށް ނިސްބަތްކޮށް ކަމަށް ނޫސްތަކުގައިވެ އެވެ.
ޗައިނާގެ އިރުމަތީގައިވާ މުއްސަނދި ޕްރޮވިންސެއް ކަމަށްވާ ޒިންޖިއާންގެ އެޕާޓްމަންޓެއްގެ ހޮޅިއަކުން އެކުއްޖާ ހޯދީ އެ އެޕާޓްމެންޓްގެ ކައިރީގައި ދިރިއުޅޭ ބައެކެވެ. އެމީހުންނަށް ކުއްޖާ ފެނުނީ ތުއްތު ކުއްޖަކު ރޯ އަޑު އިވިގެން ހޯދަނިކޮށެވެ.