29 May 2013, 09:34
ރެއާލް މެޑްރިގެ ޕޯޗްގީޒް ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯއަކީ މުޅި ދުނިޔޭގައިވެސް ހުރި އެންމެ ބޮޑު މުސާރަ ލިބޭ ކުޅުންތެރިޔާއަށް ހަދަން ބޭނުން ކަމަށް ރެއާލް މެޑްރިޑުން ބުނެފިއެވެ.
މިފަހަރުގެ ޓްރާންފާ މާކެޓްގައި އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓެޑް ނުވަތަ ޗެލްސީއަށް ރޮނާލްޑޯ ބަދަލުވާން ބޭނުންވާ ކަމުގެ އަޑުތައް ވަނީ މީޑީޔާގައި ފެތުރިފައެވެ. އެހެން ނަމަވެސް ރެއާލްގެ ޕްރެޒިޑެންޓް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވެފައި ވަނީ އެ ކުލަބުގެ މުސްތަގުބަލު ބިނާކުރަން ނިންމާފައިވަނީ ރޮނާލްޑޯ ހިމަނައިގެން ކަމަށެވެ.
"އަހަރެމެން މެޑްރިޑްގެ މުސްތަގުބަލު ބިނާ ކުރަން ބޭނުންވަނީ އޭނާ [ރޮނާލްޑޯ]ގެ ވަށައިގެގެން،" ޕެރޭޒް ވިދާޅުވިއެވެ. "އަދި އަހަރެން ބޭނުން ރޮނާލްޑޯއަކީ މުޅި ދުނިޔޭގައި ހުރި އެންމެ ބޮޑު މުސާރައެއް ލިބޭ ކުޅުންތެރިޔާއަށް ހަދަން،"
މެންޗެސްޓާ ޔުނައިޓެޑުން ރެއާލް މެޑްރިޑަށް 2009 ވަނަ އަހަރުގެ ޖޫންމަހު 80 މިލިޔަން ޕައުންޑުގެ ފީއަކަށް ބަދަލުވުމާ ގުޅިގެން ރޮނާލްޑޯ ވެގެން ގޮސްފައިވަނީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ އަށެވެ.
ރޮނާލްޑޯ ވަނީ މި ސީޒަންގައި ރެއާލްއަށް އޭނާ ކުޅުނު 53 މެޗުގައި އެކުލަބަށް 53 ލަނޑު ކާމިޔާބު ކޮށްދީފައެވެ. އަދި އޭނާ ރެއާލްއަށް ބަދަލުވި ފަހުން އެކުލަބަށް މިހާތަނަށް 200އަށް ވުރެ ގިނަ ލަނޑު ކާމިޔާބުކޮށް ދީފައި ވެއެވެ.
މިދިޔަ ޖެނުއަރީގައި ރޮނާލްޑޯ ބުނެފައި ވަނީ 2015 ވަނަ އަހަރު ރެއާލްއާ އެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް ހަމަވުމުން އެހެން ދިމާއަކަށް ދިއުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ. ރޮނާލްޑޯ ހޯދުމަށް ޔުނައިޓެޑާއި ފްރާންސްގެ ޕީއެސްޖީއިން ބޮޑު ޝައުގުވެރި ކަމެއް ފާޅުކޮށްފައިވާ އިރު ރެއާލްގެ ކޯޗު ހޯސޭ މޮރީނިއޯ ޗެލްސީއާ ގުޅިއްޖެ ނަމަ މޮރީނިއޯއާ އެކު ރޮނާލްޑޯ ޗެލްސީއަށް ބަދަލު ވުމުގެ ފުރުސަތު ބޮޑުކަމަށް ރިޕޯޓުތައް ބުނެއެވެ.
"މި ދިޔަ ޖެނުއަރީގައި ކްރިސްޓިއާނޯ އަހަރެން ކައިރީ ބުނެފައިވޭ އޭނާ މިހާރު ހުންނަނީ އެހާ އުފަލުގައި ނޫން ކަމަށް. އަހަރެން ބުނިން އޭނާއަށް ރަނގަޅު ގޮތެއް ހަދައި ދިނުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުލަބުން ކޮށްދޭނަމޭ،" ޕެރޭޒް ވިދާޅުވިއެވެ. "އަހަރެންނަކަށް އެނގިފައެއް ނެތް ޕީއެސްޖީއިން އޭނާ ހޯދަން މަސައްކަތް ކުރާކަމެއް. އެކަމަކު ކްރިސްޓިއާނޯ އަކީ ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ،"