ޔަންގުން (މޭ 29): މިޔަންމާގެ އުތުރުގެ ލާޝިޔޯ ސަރަޙައްދުގައި ދިރިއުޅޭ ބައިމަދު މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ހަރުކަށި ބުޑިސްޓުން އަނެއްކާ ވެސް ގެދޮރާއި މުދަލުގައި ހުޅުޖެހުމާއި މީހުން މެރުމުގެ ޢަމަލުތަކެއް ފުޅާދާއިރާއެއްގައި ހިންގަމުން ގެންދާކަމަށް ޚަބަރުލިބިއްޖެ އެވެ.

ބައިނަލްއަޤްވާމީ ޚަބަރުފަތުރާ ވަސީލަތްތަކުން ހާމަކުރާ ގޮތުގައި މިޔަންމާގެ ހަރުކަށި ބުޑިސްޓުން އިއްޔެ ވަނީ އެގައުމުގެ އުތުރުގެ ލާޝިޔޯ ސަރަޙައްދުގައި ދިރިއުޅޭ ބައިމަދު މުސްލިމުންގެ ގެދޮރާއި މިސްކިތްތަކާ އަދި މުދަލުގައި ހުޅުޖަހައި މުސްލިމުންނަށް އަތުޖެހުނު ކޮންމެ އެއްޗަކުން ޙަމަލާދީ އަނިޔާވެރިކަން ކުރިޔަށް ނެރެފަ އެވެ.

ލާޝިޔޯ ސަރަޙައްދަކީ ޗައިނާގެ ސަރަހައްދީ ރޮނގާ ކައިރީ ހިސާބެކެވެ. މަންޒަރުދުށް މީހުންނާ ޙަވާލާދީ ރިޕޯޓްތައް ބުނާގޮތުން 131 ހާސް މީހުންދިރިއުޅޭ އެ ސަރަހައްދުގެ އެތަށް ޢިމާރާތެއްގައި ވަނީ އަލިފާންޖަހައި ރޯކޮށްލާފަ އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން ބުޑިސްޓުންގެ މިހަރުކަށި ޢަމަލުތައް ފެށުނީ މުސްލިމަކު ބުޑިސްޓް އަންހެނެއްގެ ގައިގާ އަލިފާންޖެހި ކަމުގެ ދޮގު ޚަބަރުތަކެއް ފެތުރުމާ ގުޅިގެންނެވެ. މިޚަބަރުތަކާ އެކު މުސްލިމުންގެ ގެދޮރާއި މިސްކިތްތަކުގައި ހުޅުޖެހުމަށް ގޮވާލައި ބުޑިސްޓުންގެ ހާމުދުރުން މުޒާހަރާކުރުމާ ގުޅިގެން މުސްލިމުންގެ ގެދޮރުގައި ހުޅުޖަހަން ފަށާއިވާ ކަމަށް ޚަބަރުތައް ބުނެ އެވެ. މުސްލިމަކު ބުޑިސްޓް އަންހެނެއްގެ ގައިގާ އަލިފާން ޖެހި ކަމަށްބުނެ ފަތުރާފައި ވަނީ ތެދު ޚަބަރުތަކެއް ނޫން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މިޔަންމާގެ ސަލާމަތީ ބާރުތަކުން ވަނީ ބުޑިސްޓް އަންހެނެއްގެ ގައިގާ އަލިފާންޖެހި ކަމަށް ބުޑިސްޓުން ތުހުމަތުކުރާ މުސްލިމަކު ހައްޔަރުކުރި ކަން ކަށަވަރު ކޮށްދީފަ އެވެ. (އަލްޖަޒީރާ)