28 Oct 2010, 08:58
ޑީއާރްޕީގެ މުޒާހަރާ ކަވަރު ކުރަން ނުކުތް ނޫސްވެރިންނަށް ހާނީއްކަވުމާ ގުޅިގެން އެކަމުގައި ސަރުކާރުން ޢަމަލުކުރެއްވި ގޮތާމެދު އެމެރިކާ ސަފީރު ތަޢުރީފް ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ މިމަހުގެ 25 ވަނަ ދުވަހުގެ ރޭ ޑީއާރްޕީން މާލޭގައި ބޭއްވި މުޒާހަރާގެ ކަވަރުކުރުމުގެ މަސައްކަތް ކުރަމުން ގެންދިޔަ ބައެއް ނޫސްވެރިންނަށް އެކިވަރުގެ ހާނިއްކަތައް ވެފައިވާތީ، އެކަމާ ގުޅޭ ގޮތުން ސަރުކާރުން އަމަލުކުރެއްވި ގޮތާމެދު އެމެރިކާ ސަފީރު މިސިޒް ޕެޓްރީޝީއާ ބުޓެނިސް ތަޢުރީފް ކުރައްވައްވާފައިވާ ކަމަށާއި އޭނާ ތައުރީފު ކުރެއްވެވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުން ކަމަށެވެ.
ސަފީރުގެ ވާހަކަފުޅުގައި މޯލްޑިވްސް މީޑިއާ ކައުންސިލާއި، މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަނާއި ދިވެހި ނޫސްވެރިންގެ ޤައުމީ ޖަމްޢިއްޔާގެ މެންބަރުން މި މައްސަލައާ ގުޅިގެން ރައީސުލް ޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހިމް ޙުސައިން ޒަކީ ބައްދަލުކުރައްވައި ބޭއްވެވި މަޝްވަރާތަކުގެ މައްޗަށް އަލިއަޅުވައިލެއްވެވި ކަމަށް ވެސް ރައީސް އޮފީހުން ބުނެޏެވެ.