ޓޯކިޔޯ (މޭ 29): ޖަޕާނުގެ ބޮޑުވަޒީރު ދިރިއުޅުއްވުމަށް ޚާއްސަކޮށްފައިވާ ދައުލަތުގެ ރަސްމީ ގެކޮޅު (ސޯރީ ކޮޓެއީ)ގައި ރޫޙު ނުވަތަ ޖިންނި އުޅޭކަމަށް ބުނެ އެގައުމުގައި ފެތުރިފައިވާ ޚަބަރުތައް އެގައުމުގެ ސަރުކާރުން ދޮގުކޮށްފި އެވެ.

ޓޯކިޔޯގެ ނަގަޓާގައި ހުންނަ ޖަޕާނުގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި ވަޒީފާ އަދާކުރި ބައެއްފަރާތްތަކާ ހަވާލާދީ ޖަޕާނުގެ ޚަބަރު ފަތުރާ ވަސީލަތްތައް ބުނާ ގޮތުން އެގެކޮޅުގައި އެމީހުން މަސައްކަތްކުރަމުން ދިޔައިރު ގޮތްނޭންގޭ ހިޔަނިތަކާއި ކާކުކަންނޭނގޭ ކަޅުކޮށްތިބޭ މީހުން ފެނި އަދި ބިރުވެރި ބައެއް އަޑުތައް ވެސް ވަރަށް ގިނައިން އިވިފައިވެ އެވެ. ޓޯކިޔޯގެ ނަގަޓާގައި ހުންނަ ޖަޕާނުގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅަކީ 1929 ގައި ބިނާކޮށްފައިވާ ޢިމާރާތެކެވެ. ނަމަވެސް މިޢިމާރާތުގެ އަނެއްފަޅީގައި ފަހުންވަނީ އައު ޢިމާރާތެއް ބިނާކޮށްފަ އެވެ. ޖަޕާނުގެ ބޮޑުވަޒީރުންނާއި އެބޭފުޅުންގެ ޢައިލާތައް މިހާރު ދިރިއުޅުއްވާ ކަމަށް ވަނީ ބާ ޢިމާރާތާ ޖެހިގެން ފަހުން ހެދި އައު ޢިމާރާތުގަ އެވެ.

ނަވާރަސަތޭކަ ނަވާވީސް އަހަރުގައި ބިނާކޮށްފައިވާ ޖަޕާން ބޮޑުވަޒީރުގެ ގެކޮޅުގެ ބާ ޢިމާރާތަކީ މީހުން މެރުމުގެ ބައެއް ޙާދިސާ ހިނގާފައިވާ ޢިމާރާތެކެވެ. އެންމެ ފުރަތަމަ އެޢިމާރާތުގައި މަރާލާފައި ވަނީ 1930ގެ އަހަރުތަކުގައި ޖަޕާނުގެ ބޮޑުވަޒީރުކަން ކުރެއްވި ޗުސިޔޫޗީ އިނުކާއި އެވެ. ނަވާރަސަތޭކަ ބައްތިރީސް އަހަރުގައި އިނުކާއިގެގައިކޮޅަށް ބަޑިޖަހައި އަވަހާރަކޮށްލާފައި ވަނީ އެޢިމާރާތުގަ އެވެ. އެ ޙާދިސާއަށްފަހު ވެސް 1930 އާއި 1940ގެ އަހަރުތަކުގައި އެއިމާރާތުގައި ޖަޕާން ސިފައިންގެ ތެރެއިން ބައެއް މީހުން ސަރުކާރަށާއި ދައުލަތަށް ނުކިޔަމަންތެރިކަން ދައްކައި ބަޑިޖަހައި މީހުން މެރުމުގެ ބައެއް ޙާދިސާ ހިންގާފައިވާ ކަމަށްވެ އެވެ.

ޖަޕާނުގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި ރޫޙު ނުވަތަ ޖިންނި އުޅޭކަމުގެ އަޑުތައް ދޭތެރެއަކުން ފެތުރޭކަން އެގައުމުގެ ބައެއް މަޖައްލާތަކާއި ޚަބަރުފަތުރާ ބައެއް ވަސީލަތްތަކުން ހާމަކޮށްފައިވެ އެވެ. އެޢިމާރާތުގައި ރޫޙު ނުވަތަ ޖިންނި އުޅޭކަމުގެ އަޑުތައް މިހާރު ފެތުރިފައި ވަނީ މިހާރުގެ ބޮޑުވަޒީރު ޝިންޒޫ އަބޭ ބޮޑުވަޒީރުކަމާ ޙަވާލުވެވަޑައިގެންނެވިތާ ހަ މަސް ވީއިރު ވެސް ރަސްމީ ގެކޮޅަށް ވަޑައިގެން ދިރިއުޅުއްވަން ނުފައްޓަވާތީ އެވެ. ޖަޕާނުގެ ނޫހެއް ކަމަށްވާ އަސާހީ ބުނާގޮތުން އަބޭ، ރަސްމީ ގެކޮޅަށް ވަޑައިގަތުން ލަސްވެފައި ވަނީ އެ ޢިމާރާތުގައި ރޫޙު އުޅޭކަމުގެ އަޑުތައް ފެތުރިފައިވާތީ އެގެއަށް ދިރިއުޅުން ބަދަލުކުރުމަށް އޭނާގެ ޢައިލާ ފަސްޖެހޭތީ އެވެ.

ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި ޖިންނި އުޅޭކަން ރަސްމީ ސިފައެއްގައި ފާހަގަކުރެވިފައިނުވާ ކަމަށް ޖަޕާން ސަރުކާރުން މިހަފްތާގެ ކުރީކޮޅު ނެރުނު ބަޔާނެއް ބުނެ އެވެ. ނަމަވެސް ބޮޑުވަޒީރު އަބޭ އާއި އޭނާގެ ޢާއިލާ ދިރިއުޅުއްވުމަށް ދައުލަތުން ޚާއްސަކޮށްފައިވާ ރަސްމީ ގެކޮޅަށް އެބޭފުޅުން ވަޑައިނުގަންނަވާ ސަބަބެއް ޖަޕާން ސަރުކާރުން ވެސް އަދި އަބޭ ވެސް ހާމަކުރައްވާފައެއް ނުވެ އެވެ. (ރޮއިޓާސް)