29 May 2013, 09:00
މާލެ ފިޔަވައި އެންމެ ގިނަ މީހުން ދިރިއުޅޭ ދެކުނުގެ ހަތަރު އަތޮޅަކީ އިގްތިސާދީ ގޮތުން ވަރަށް މުހިންމު ތަންތަނެވެ. އެހެންވެ އެ ސަރަހައްދަށް އިންވެސްޓަރުންގެ ޝައުގުވެރިކަން އަބަދު ވެސް އޮވެ އެވެ. ހާއްސަކޮށް އައްޑު އަތޮޅަށް އިންވެސްޓަރުން އަބަދު ވެސް ލޯ އަޅަ އެވެ. އެކަމަކު އެ ހުރިހާ ކަމެއްގެ ހުރަހަކަށް ވެފައި ވަނީ އެ ސަރަހައްދުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އޮޕަރޭޓް ނުކުރުމެވެ.
އިނގިރޭސި ސިފައިން ވައިގެ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރި ސ. ގަމުގައި ހަދާފައިވާ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރުމަކީ ދެކުނުގެ އަތޮޅުތަކުގެ މީހުން ދެކެމުން އަންނަ ހުވަފެނެކެވެ. އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކޮށް، ގަމަށް ސީދާ އިންޓަނޭޝަނަލް ފްލައިޓްތައް ޖެއްސުމަށް ރައީސް މައުމޫންގެ ސަރުކާރުން މަޝްރޫއެއް ފެއްޓެވި އެވެ. ނަމަވެސް އެ މަޝްރޫއަކުން އިންޓަނޭޝަނަލް ބޮޑެތި ފްލައިޓްތައް އޮޕަރޭޓްކުރެވޭ ފެންވަރަކަށް މުޅިން ތަރައްގީއެއް ނުކުރެވެ އެވެ.
އެ މަޝްރޫއުގެ ދަށުން އެއާޕޯޓްގައި އިތުރު ޓާމިނަލެއް އެޅިނަމަވެސް ބޮޑެތި ފްލައިޓްތައް އޮޕަރޭޓްކުރުމަށް ރަންވޭ ދިގުކޮށް، އެ ރަންވޭ އިތުރަށް ތާރުއަޅައި ފެންވަރު ރަނގަޅު ކުރަން ޖެހިފައިވެ އެވެ.
އައްޑު އަތޮޅުގެ އިތުރުން އެންމެ ދެކުނުގެ ހަތަރު އަތޮޅުގެ އިގްތިސާދާ ގުޅިފައިވާ ގަން އެއާޕޯޓް ތަރައްގީކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އައްޑޫގައި ހިންގާ ޝަންގްރިއްލާ ރިސޯޓާއި ހެރެތެރެއަށް ޓޫރިސްޓުން ސީދާ ބޭރުން ގެނައުމަށް ދިމާވެފައިވާ އެންމެ ބޮޑު ހުރަހަކީ އެއާޕޯޓް އެކަށީގެންވާ ފެންވަރަށް ތަރައްގީވެފައި ނެތުމެވެ. އެއާ އެކު ހުވަދު އަތޮޅުގައި ހިންގާ ޖުމައިރާ ދެވަނަ ފުއްޓާއި ޕާކް ހަޔަޓް ހަޑަހާ އަދި ދަ ރެސިޑެންސް، އަޔާޑާ މޯލްޑިވްސް ފަދަ ހަތްތަރީގެ ރިސޯޓްތަކަށް އަންނަ ޓޫރިސްޓުންގެ އެންމެ ބޮޑު ޝަކުވާއަކަށްވެފައި ވަނީ ދަތުރު ދިގުވުމެވެ.
ދެކުނުގެ ހަތަރު އަތޮޅަށް އިގްތިސާދީ ގޮތުން ބޮޑު ބަދަލެއް ގެންނަ ނަމަ އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ސ. ގަމުގެ އެއާޕޯޓް ޒަމާނީ ފެންވަރުގެ އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެދުމެވެ. އެކަމަށް ހާއްސަ މަސައްކަތްތަކެއް ކުރުމަށް އެ އެއާޕޯޓް ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) އިން ބިޔަ މަޝްރޫއެއް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވީ ގަން އެއާޕޯޓް ތަރައްގީކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ދެކުނުގެ ހަތަރު އަތޮޅަށް އިގްތިސާދީ ބޮޑު ބަދަލެއް ގެނައުމަށް ކަމަށެވެ.
"ދެކުނުގެ ތަރައްގީ އަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ ބޭރުން ސީދާ ފްލައިޓްތައް ގަމަށް އޮޕަރޭޓް ނުކުރެވުން. އޭގެ ސަބަބުން އައްޑު އާއި ހުވަދޫގައި ހިންގާ ރިސޯޓްތަކަށް ޓޫރިސްޓުން އުފުލަން އެތައް ތަކުލީފެއް ދިމާވޭ. އަދި އެ ސަރަހައްދަކީ މަސްވެރިކަން ވެސް އެންމެ ރަނގަޅު ސަރަހައްދު. ނަމަވެސް މަސްވެރިންނަށް އެކަށީގެންވާ ފައިދާއެއް ނުލިބެނީ އެއާޕޯޓް އޮޕަރޭޓް ނުކުރެވުމުން،" ސ. ހުޅުދުއަށް އުފަން ޝާހިދު ވިދާޅުވި އެވެ.
އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ސ. ގަން އެއާޕޯޓް ތަރައްގީކޮށް އިންޓަނޭޝަނަލް ފްލައިޓްތައް ގަމަށް އޮޕަރޭޓްކުރަން ފަށައިފި ނަމަ މުޅި ސަރަހައްދަށް އިގްތިސާދީ ބޮޑު ކުރިއެރުންތަކެއް ސީދާ ގޮތުންނާއި ނުސީދާކޮށް ވެސް އަންނާނެ އެވެ.
"އެއާޕޯޓް ތަރައްގީކުރެވިއްޖެ ނަމަ އައްޑޫގެ ހެރެތެރެ ބަރާބަރަށް އޮޕަރޭޓްކުރެވޭނެ. އަދި އެތަނުން ހުވަދު އަތޮޅުގެ ރިސޯޓްތަކަށް ޓޫރިސްޓުން އުފުލަން ސީޕްލޭން އޮޕަރޭޓްކުރެވޭނެ. އޭގެ ސަބަބުން އައްޑޫގައި އެތައް ސަތޭކަ ވަޒީފާއެއް އުފެދިގެން އަންނާނެ،" ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގަން އެއާޕޯޓް އިންޓަނޭޝަނަލް ފްލައިޓްތަކަށް އޮޕަރޭޓްކުރަން ފެށުމުން "ދެކުނުގެ އިގްތިސާދު އެހެން ލެވެލްއަކަށް" އުފުލިގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެން ލަފާކުރި މިންވަރަށް ވުރެ މިހާރު ވެސް ޕްރޮޖެކްޓް ލަސްވެއްޖެ. އެކަމަކު ކުރިޔަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި އެއާޕޯޓް އޮޕަރޭޓް ކުރަން ފެށުމުން މަދުވެގެން 400 އެއްހާ ވަޒީފާ އުފެދިގެންދާނެ. އޭގެ އިތުރުން އެއާޕޯޓާ ގުޅިގެން އަންނަ އެހެން ވިޔަފާރިތަކުން ވެސް އެތައް ސަތޭކަ ވަޒީފާއެއް އުފެދިގެން އަންނާނެ. މިއީ މިހާރަށް ބަލާ އިރު ވެސް ވަރަށް ބޮޑު ކުރިއެރުމެއް،" ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އައްޑުއާއި ހުވަދޫގައި ރިސޯޓްތައް ހިންގާ ފަރާތްތަކުގެ އެންމެ ބޮޑު ބޭނުމަކީ ގަމަށް ވިހާ ވެސް އަވަހަކަށް އިންޓަނޭޝަނަލް ދަތުރުތައް ފެށުމެވެ.
"އެ ސަރަހައްދުގައި ހިންގާ ރިސޯޓްތަކަށް އަންނަ ޓޫރިސްޓުންނަކީ ވަރަށް މަތީ ފެންވަރުގެ ބައެއް. އެ މީހުން ބިޒްނަސް ކްލާހުގައި މާލެއާ ހަމަޔަށް އައިސް އެހެން ފްލައިޓެއްގައި ފިތިގެން ގަޑިއެއްހާ އިރު ދަތުރުކުރުމަކީ އެހާ އަރާމުކަމަކަށްނުވޭ. އެ މީހުންގެ ޝަކުވާތައް ވަރަށް ގިނައިން ރިސޯޓްތަކަށް ލިބެމުންދޭ. ގަން އެއާޕޯޓް ތަރައްގީކުރެވިއްޖެ ނަމަ އެކަމަށް ވަރަށް ބޮޑު ހައްލެއް އަންނާނެ،" ޝާހިދު ވިދާޅުވި އެވެ.
އައްޑޫ އެއާޕޯޓް ތަރައްގީކުރުމަށް އަލަށް ފަށާ މަޝްރޫއު ނިންމައި އަންނަ އަހަރުގެ ޓޫރިސްޓް ސީޒަނަށް އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް އޮޕަރޭޓްކުރުމަކީ އެ ކުންފުނީގެ އަމާޒެވެ. އަދި އެކަން ހަގީގަތަކަށް ހެދުމަށް އަމަލީ މަޝްރޫއު ވަރަށް އަވަހަށް ފަށާނެ އެވެ. މި މަޝްރޫއުގެ ސަބަބުން ދެކުނުގެ ހަތަރު އަތޮޅު، ހާއްސަކޮށް އައްޑޫގެ ތަރައްގީއަށް ބޮޑުކުރިއެރުމެއް އަންނާނެކަން ޔަގީނެވެ.
"އަޅުގަނޑުމެން ވަރަށް ކުރިންސުރެ ދެކެމުން އަންނަ ހުވަފެނެއް ގަން އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރުމަކީ. އެއީ އޭގެ ސަބަބުން އަތޮޅަށް އަދި ސަރަހައްދަށް އަންނާނެ ކުރިއެރުން ވިސްނޭތީ. އެކަމަމުގެ ސަބަބުން އައްޑޫގައި އިތުރު ވަޒީފާތަކެއް އުފެދި އާއްމު ދިރިއުޅުމުގެ ހާލަތު ވަރަށް ބޮޑަށް ކުރިއަރައިގެން ދާނެ. އިގްތިސާދީ އިތުރު ފުރުސަތަކެއް ހުޅުވިގެންދާނެ. ޓޫރިޒަމް މުޅި ސަރަހައްދަށް ފުޅާވެ އޭގެ ފައިދާ ލިބެން ފަށާނެ. އެ ހުރިހާ ކަމެއްގެ ގުޅިފައި ވަނީ ގަން އެއާޕޯޓާ،" އައްޑުއަށް ނިސްބަތްވާ އިގްތިސާދީ ތަޖުރިބަކާރަކު ވިދާޅުވި އެވެ.
ގަން އެއާޕޯޓަށް ސީދާ ދަތުރުތައް ކޮލަމްބޯ އިން ފެށުމަށް ސްރީލަންކަން އެއާލައިންސް އިން ވަނީ ޝައުގުވެރިކަންފާޅުކޮށްފަ އެވެ. އަދި ކުރިއަށް އޮތްތަނުގައި އެހެން އެއާލައިންތަކުން ވެސް ގަމަށް ދަތުރުތައް ފެށުމަށް ޝައުގުވެރިކަންފާޅުކުރާނެ ކަމަށް ބެލެވެ އެވެ.
"މީގެ ސަބަބުން އައްޑޫ ރައްޔިތުން ލަންކާ އަށް ދަތުރުކުރުމަށް މިހާރު ހޭދަކުރަން ޖެހޭ މިންވަރު 50 ޕަސެންޓް ކުޑަވާނެކަމަށް ބެލެވޭ. އަދި އޭގެ ސަބަބުން އައްޑޫގެ ވިޔަފާރިވެރިންނަށް މުދާ ގެނައުމަށް ވެސް ލުއި ފަސޭހަތަކެއް ލިބިގެންދާނެ. އަދި އައްޑޫގައި އޮޕަރޭޓްކުރާ ރިސޯޓްތަކަށް އަންނަ ޓޫރިސްޓުންގެ އަދަދު ވެސް އިތުރުވެގެންދާނެ. މިއީ އަޅުގަނޑުމެން ކުރަން ބޭނުންވާ ކަމަކީ،" އެ ތަޖުރިބާކާރު ވިދާޅުވި އެވެ.
ގަން އެއާޕޯޓް ތަރައްގީކޮށް އޮޕަރޭޓްކުރަން ފެށުމުން، މުޅި ރާއްޖެއަށް ވެސް އޭގެ ހެޔޮ އަސަރުކުރާނެ އެވެ. ހާއްސަކޮށް އައްޑޫގެ އިގްތިސާދު އާ މިސްރާބަކަށް ދަތުރުކުރަން ފަށާނެ އެވެ.