29 May 2013, 02:00
މާލޭގައި މާރާމާރީތައް ހިންގާ ކަމަށް ތުހުމަތު ކުރެވޭ 50 މީހަކު ހޯދަން ފުލުހުން ފަށާފައިވާ އޮފަރޭޝަންގެ ދަށުން އެކަކު ހައްޔަރުކޮށް، އޭނާ ފިލުވުމަށް މަސައްކަތް ކުރި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ މ. ލޮނުމިދިލިގެ، ޝަފުރާނު ޢަބްދުއްރައްޒާޤު އަޙްމަދު 19، އެވެ. އޭނާއަކީ މި މަހުގެ 18 ވަނަ ދުވަހު ހަވީރު ޗަނބޭލީމަގު ގުޅުނު ހިސާބުގައި ތިބި ދެ މީހަކަށް ތޫނު ހަތިޔާރުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށް ތުހުމަތު ކުރެވޭ މީހެކެވެ. ފުލުހުން ވަނީ އޭނާ ހޯދުމަށް މިދިޔަ ހޯމަ ދުވަހު ފޮޓޯ ވެސް އާންމުކޮށްފަ އެވެ.
މިރޭ 12:30 އެހާކަންހާއިރު މ. ނިކޯސިއާގޭގެ ތިން ވަނަ ބުރިން ޝަރުފާންއާއެކު ހައްޔަރު ކުރި ތިން ފިރިހެނުންނާއި އަންހެން މީހާއަކީ އޭނާ ފިލުވުމަށް މަސައްކަތް ކުރި މީހުން ކަަމަށް ފުލުހުން ތުހުމަތު ކުރެ އެވެ. އަދި އެ މީހުން ތިބި އެޕާޓްމަންޓުގެ ތެރެއިން ޖިނާއީ ކުށްކުރުމަށް ބޭނުން ކުރާ އާލާތްތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ޝަރުފާން ފިލުވުމަށް މަސައްކަތް ކުރި މީހުންގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑެއް ކަމަށް ތުހުމަތު ކުރެވޭ އިބްރާހިމް ޝަރުފާން އަބްދުއްރައްޒާގު (ސަފާ) ހިމެނެ އެވެ. ސަފާއަކީ ޝަރުފާންގެ ބޭބެ އެވެ. ސަފާއަކީ މަސްތުވާތަކެތީގެ ބޮޑެއް ކަމަށް މީޑިއާގައި ހާމަކޮށްފައި ވަނީ ޖޫން 23، 2011 ގައި ހ. ފަށަން ގޭތެރޭއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއިއެކު އޭނާ ހައްޔަރު ކުރުމުންނެވެ.
މާލޭގައި ނުރައްކާތެރި މާރާމާރީ ހިންގީ 50 މީހުން ހޯދުމަށް ފުލުހުން ފަށާފައިވާ އޮޕަރޭޝަންގެ ދަށުން މާޖިދީމަހުގައި ހުންނަ މ. އަރޫދާގޭގެ އެޕާޓްމަންޓެއްގައި ފިލައިގެން ތިބި 11 ޒުވާނަކު މިދިޔަ އާދިއްތަ ދުވަހު ރޭ ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
ނުރައްކާތެރި މާރާމާރީ ހިންގާ ކަމުގެ ތުހުމަތުގައި 50 މީހަކު ހޯދުމަށް ފުލުހުން އޮޕަރޭޝަނެއް ފަށާފައި ވަނީ މި މަހުގެ 16 އިން 18 އަށް މާލޭގައި ހިންގި ސިލްސިލާ މާރާމާރީތަކުގައި ހަތަރު މީހަކަށް ތޫހުއެއްޗަކުން ހަމަލާދީ ޒަހަމްކޮށްލުމާ ގުޅިގެންނެވެ.