ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި އެކުލަވާލާފައިވާ ފަނޑިޔާރުންގެ ބެންވުގެ ގާނޫނީ ސައްޚަކަމާ މެދު ސުވާލު އުފައްދައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައިކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ތެރެއަށް ތަދައްހުލްވުމަށް ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް މުހައްމަދު ދީދީ ހައިކޯޓުގައި އެދިވަޑައިގެންފި އެވެ.

އިބްރާހީމް ދީދީގެ ގާނޫނީ ވަކީލު އިސްމާއީލް ވިޝާމް ވަނީ ސަން އަށް އެކަން ކަށަވަރުކޮށްދެއްވާފަ އެވެ.

ހުޅުމާލޭ ކޯޓުގައި އެކުލަވާލާފައިވާ ފަނޑިޔާރުންގެ ބެންޗަކީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލަ ބެލުމަށް އެކުލަވާލާފައިވާ ބެންޗެކެވެ.

އަބްދުﷲ ގާޒީ ގާނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލައިގައި ރައީސް ނަޝީދުގެ އިތުރުން އިބްރާހީމް ދީދީގެ މައްޗަށް ވެސް ދައުލަތުން ވަނީ ދައުވާ އުފުލާފަ އެވެ.

އެ ދެ ބޭފުޅުންގެ އިތުރުން އެ ދައުވާ އުފުލާފައި ވަނީ ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލު އާއި ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެވެ.