28 May 2013, 22:11
ހިންމަފުށީ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގެ ޖާގަ އިތުރުކޮށް މިވަގުތު ފަރުވާއަށް ބޭނުންވެފައި ތިބި މީހުންނަށް އަވަސް ގޮތެއްގައި ފަރުވާގެ ފުރުސަތު ފަހިކޮށްދެވޭނީ އެ އިމާރާތާ އިންވެގެން އޮންނަ އައްސޭރި ޖަލު ލިބިގެން ކަމަށް ނޭޝަނަލް ޑްރަގް އޭޖެންސީން ބުނެފި އެވެ.
ޑްރަގް އެޖެންސީން ކ. ހިންމަފުށީގައި ހިންގާ ރިހެބް ފުރިގެން މިދިޔަ މަހުގެ 30 ވަނަ ދުވަހު ވެސް ޑްރަގް ކޯޓުން ވަނީ ފަރުވާގެ ޝަރުތު ހަމަވާ 24 މީހަކު ޖަލަށް ގެންދަން ހުކުމް ކޮށްފަ އެވެ.
ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ބޯޑު މެމްބަރު މުހައްމަދު ޒުބެއިރު މިއަދު ވިދާޅުވީ އައްސޭރި ޖަލު ލިބޭތޯ ސަރުކާރުގެ ކަމާ ގުޅޭ ފަރާތްތަކާ އެކު ވާހަކަ ދައްކަމުންދާ ކަމަށާއި އެ ތަން ލިބިއްޖެ ނަމަ ސަރުކާރަށް މިހާރު ދިމާވެފައިވާ ބަޖެޓްގެ ދަތިކަމަށް ވެސް ލުޔެއް ލިބިގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ އަމިއްލައަށް އެދިގެން ފަރުވާއަށް ދާން ބޭނުންވާ މީހުންނަށާއި މިހާރު ޖަލުގައި ތިބި މީހުންގެ ތެރެއިން ފަރުވާ ދޭން ޖެހޭ މީހުންނަށް ވެސް އައްސޭރި ޖަލު ލިބިއްޖެ ނަމަ ފަރުވާގެ ފުރުސަތު ފަހިކޮށްދެވޭނެ ކަމަށެވެ.
"އައްސޭރި ލިބުނީމާ ފަރުވާ އަށް ވަރަށްބޮޑު ކުރިއެރުމެއް ލިބިގެންދާނެ. އޭގައި މިވާ ގޮތަކީ ރިހެބް ތެރޭގައި ހުންނަ އިންޓޭކްގެ ދޮރު ހުޅުވި އެންމެންނަށް ފަރުވާގެ ފުރުސަތު ފަހި ކޮށްދެވޭނެ. ސެންޓަރެއް ނޫން ފުރިގެން މި އުޅެނީ. އޭރުން އަންހެން ކުދިންނަށް ވެސް ވަކިން ބައިތިއްބައިގެން ފަރުވާ ދެވޭނެ. އަދި ހަމަ އެއާ އެކީގައި ސަރުކާރަށް މިވަގުތު ދިމާވެފައިވާ ބަޖެޓްގެ ދަތިކަމުގެ ތެރެއިން ވެސް މިކަން އެންމެ ފަސޭހައިން ކުރެވެން އޮތީ ރިހެބް އާ އިންވެގެން ހުރި އައްސޭރި ލިބިގެން. އެހެންވީމަ ޚަރަދު ކުޑަކޮށްގެން މިކަން ކުރެވޭނި އައްސޭރި ލިބިގެން،" ޒުބޭރު ވިދާޅުވި އެވެ.
ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އެންޑީއޭގެ ޗެއާޕާސަން ލުބުނާ މުހައްމަދު ޒާހިރު ވެސް ވިދާޅުވެފައި ވަނީ ރިހެބްގައި ޖާގަ އެބައޮތް ކަމަށާއި ނަމަވެސް ދިމާވެގެން އުޅޭ މައްސަލަ އަކީ އެ ސެންޓަރުގެ އިންޓޭކް ޔުނިޓް ފުރިފައިވާ މައްސަލަ ކަމަށެވެ. ލުބުނާ ވިދާޅުވެފައި ވަނީ ސެންޓަރުން ދޭ ރަސްމީ ފަރުވާގައި ބައިވެރި ކުރަނީ އެ ތަނުގެ އެތެރޭގައި ހުންނަ އިންޓޭކް ޔުނިޓުން ދޭ 14 ދުވަހުގެ ޑިކޮސިފިކޭޝަން މަރުހަލާ ނިންމާ މީހުންނަށް ކަމަށެވެ.
ރާއްޖޭގައި ހިންގާ ރީހެބްތައް ޕްރައިވަޓައިޒް ކުރުމަށް ފުރުސަތު ހުޅުވާލާފައިވާ އިރު ޒުބޭރު ވިދާޅުވީ އެކަމަށް އެދި ބައެއް ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ މިހާތަނަށް ތައިލެންޑްގެ ޗެންނާއީގައި ހިންގާ ދަ ކެބިން ކިޔާ ބަޔަކު އެކަމަށް ޝައުގުވެރިވެ އަންނަ ޖޫން މަހުގެ ތެރޭގައި ރާއްޖެ އަންނާނެ ކަމަށާއި އެމީހުން އައުމަށް ފަހު މަސްތުވާ ތަކެއްޗާ ގުޅުން ހުރި މަސައްކަތްތައް ކުރަމުންދާ ޖަމިއްޔާ ޖަމާއަތްތަކާ ބައްދަލުކޮށް މަޝްވާރާތައް ބާއްވާނެ ކަމަށެވެ.