28 May 2013, 22:02
މޯލްޑިވްސް ބްރޮޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ)ގެ ފަރާތުން ޖޫރިމަނާގެ ގޮތުގައި ނަގަން ޖެހޭ 160000ރ. މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަނުން ނަގާފައި ނުވާކަށް އޮޑިޓް ރިޕޯޓްއިން ހާމަވެއްޖެ އެވެ.
އޮޑިޓާ ޖެނެރަލް މިއަދު ނެރުއްވާފައިވާ ބްރޮޑްކާސްޓިން ކޮމިޝަންގެ 2012 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ ބްރޮޑްކާސްޓިން ފީ ކޮންމެ މާޗް މަހެއްގެ ކުރިން ދައްކަންޖެހޭ އިރު އެ ފީ ނުދައްކާ ފަރާތްތަކުގެ ފީ ބަލައިގަންނަން ޖެހޭނީ ފައިސާ ނުދައްކާ ކޮންމެ ދުވަހަކަށް 2000ރ.ގެ ޖޫރިމަނާއަކާއެކުގައި ކަމަށް އެކޮމިޝަނުގެ ގަވައިދުގައި ބުނެފައިވާ ކަމަށެވެ. ނަމަވެސް އެމްބީސީގެ ޓީވީ އާއި ރޭޑީއޯ ހިދުމަތް ދިނުމަށް ބޭނުންވާ ޕަބްލިކް ބްރޮޑްކާސްޓް ކުރުމުގެ ލައިސެންސް ފީ ދެއްކުމަށް ލަސްވެފައިވާ 40 ދުވަހުގެ ޖޫރިމަނާއަށްވާ 160000ރ. އެމްބީސީގެ ފަރާތުން ބްރޮޑްކާސްޓިން ކޮމިޝަނުން ނަގާފައިނުވާ ކަމަށް އެ އޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ.
އޮޑިޓާ ޖެނެރަލް ވަނީ ބްރޯޑްކާސްޓް ކުރުމުގެ ގަވައިދުގައި ބުނެފައިވާ ގޮތުގެ މަތިން ފައިސާ ނުދައްކާ ދުވަސްތަކަށްވާ ޖޫރިމަނާ ފައިސާ އެމްބީސީގެ ފަރާތުން ހޯދުމަށް ފަހު ދައުލަތުގެ ކޮންސޮލިޑޭޓެޑް ރެވެނިއު ފަންޑަށް ޖަމާކުރުމުން ބުރޯޑްކާސްޓިން ކޯޕަރޭޝަނަށް އަންގައިފަ އެވެ.
އެއޮޑިޓް ރިޕޯޓްގައި އިތުރަށް ބުނެފައި ވަނީ 2012 ވަނަ އަހަރު ބްރޯޑްކާސްޓިން ކޮމިޝަނުން މައިގަނޑު ގޮތަކަށް ހަރަދުތައް ކޮށްފައި ވަނީ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓާ އެއްގޮތަށް ބަޖެޓުގެ މަގުސަދު ހާސިލްވާ ގޮތަށް ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ދެކޭ ކަމަށެވެ.