28 May 2013, 20:10
ދިވެހި ސިފައިންނާއި ފުލުހުނަށް ތުނބުޅި ބެހެއްޓުމުގެ ހުއްދަ ދިނުމަށް ނިންމައިފި އެވެ.
އެމްއެންޑީއެފް އާއި ފުލުހުންގެ އިދާރާއިންވެސް ވަނީ ތުނބުޅި ބެހެއްޓުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާކަން ސަން އަށް ކަށަވަރުކޮށްދީފައެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު މިރޭ ވިދާޅުވީ ފުލުހުންގެ ތެރެއިން ގިނަ ބަޔަކު ތުނބުޅި ބެހެއްޓުމުގެ ހުއްދަ ދިނުމަށް އެދެމުންދާތީ އެ ހުއްދަ ދިނުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.
"އެއީ ދެން މަނާކޮށްފައި އޮތްކަމެއްވެސްނޫން(ތުނބުޅި ބެހެއްޓުން)، ދެން މިހާރު ޔުނީފޯމާއި ބެހޭ ގަވައިދުން އެފުރުސަތު ހޯދުމަށް ފުލުހުން އެދުމުން އެކަމާއި ގުޅޭގޮތުން މެނޭޖުމަންޓްގެ މެދުގައި މަޝްވަރާކުރުމަށްހު އެގަވައިދަށް ބަދަލުގެންނަން ފެންނާތީ ހުއްދަދޭން ނިންމީ،" ރިޔާޒް ވިދާޅުވި އެވެ.
ފުލުހުން ތުނބުޅި ބެހެއްޓުމަކީ ހުއްދަ ކަމެއް ކަމަށް ކަނޑައަޅައި ފުލުހުންގެ ޔުނިފޯމް ގަވާއިދަށް ގެނައި އިސްލާހާއެކު އަންނަ މަހުގެ ފުރަތަމަ ދުވަހު އެ ގަވާއިދު ގެޒެޓް ކުރާނެ ކަމަށް ވެސް ކޮމިޝަނަރު ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ އެ ގަވާއިދުގައިވާ ގޮތުން ފުލުހުންނަށް ތުނބުޅި ބެހެއްޓޭނީ ދެ ސެންޓިމީޓަރަށް ވުރެ ދިގުނުވާ މިންވަރަށް އެކަނި ކަމަށެވެ.
އެމްއެންޑީއެފްގެ އޮފިޝަލަކު ވިދާޅުވީ އަންނަ މަހުން ފެށިގެން ސިފައިންނަށް ތުނބުޅި ބެހެއްޓުމުގެ ހުއްދަ ދިނުމަށް އެމްއެންޑީއެފްގެ ޔުނިފޯމް ގަވާއިދަށް އިސްލާހު ގެނެސްފައިވާ ކަމަށެވެ.
ޔުނިފޯމް ގަވާއިދު މިހާރު އެކުލަވާލެވިފައިވާ ގޮތުން ސިފައިންނަށް ތުނބުޅި ބެހެއްޓޭނީ ދިގުވެގެން ދެ ސެންޓި މީޓަރަށް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.