ހުޅުމާލޭގައި ހުންނަ ލާލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލު ހިންގުމަށް ހަވާލުކޮށްފައިވާ ކުންފުންޏަށް އެ ސްކޫލް ހިންގުމަށް ދިގު މުއްދަތެއް ދިނުމަށް އެދި އެ ސްކޫލްގެ ބެލެނިވެރިން އެޑިއުކޭޝަން މިނިސްޓަރަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

ލާލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލުގެ 384 ބެލެނިވެރިއަކު ސޮއިކޮށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހްމަދަށް އެ ޕެޓިޝަން ހުށަހަޅާފައި ވަނީ މިއަދު މެންދުރު ފަހު މިނިސްޓަރާ އެކު ބެލެނިވެރިން ބޭއްވި ބައްދަލުވުމުގަ އެވެ.

އެ ބައްދަލުވުމަށް ފަހު ސަން އަށް މައުލޫމާތު ދެއްވަމުން އެ ސްކޫލްގެ ބެލެނިވެރިއަކު ބުނީ މިހާރު އެ ސްކޫލް ހިންގަމުން ގެންދާ ބިޒް އެޓޯލްސް މޯލްޑިވްސް އިން ސްކޫލް ހިންގާ ގޮތާ މެދު ބެލެނިވެރިން ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.

އޭނާ ބުނީ ސްކޫލްގެ މެނޭޖްމަންޓު ބަދަލުވެއްޖެނަމަ ސްކޫލްގައި ކިޔަވައިދެމުން އަންނަ ކަރިކިއުލަމް އަށް ބަދަލު އަންނާނެ ކަމަށާއި އޭގެސަބަބުން ދަރިވަރުންގެ ކިޔެވުމަށް ބުރޫ އަރާނެކަމަށެވެ.

"މިހާރު ލާލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލު ހިންގާ ކުންފުނިން އެ ސްކޫލް ހިންގާ ގޮތާ މެދު ބެލެނިވެރިން ވަރަށް ބޮޑަށް ހިތްހަމަޖެހޭ. ސްކޫލްގެ މެނޭޖްމަންޓު ބަދަލުވެއްޖެނަމަ ސްކޫލްގައި ކިޔަވައިދެމުން އަންނަ ކަރިކިއުލަމް އަށް ބަދަލު އަންނާނެ. އެކަމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް ބުރޫ އަރާނެ. އެހެންވީމާ މި ވާހަކަތައް އަޅުގަނޑުމެން ވާނީ މިނިސްޓަރު އަރިހު ދަންނަވާފައި،" ބެލެނިވެރިޔާ ބުންޏެވެ.

ލާލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލުން ދެމުންގެންދާ ފަދަ ޚިދުމަތެއް ރާއްޖޭގައި ހުރި އެހެން އިންޓަނޭޝަނަލް ސްކޫލްތަކުން ދެމުން ނުގެންދާ ކަމަށާއި ރާއްޖޭގައި އިންޓަނޭޝަނަލް ސްކޫލް ހިންގާ އެހެން ފަރާތަކަށް އެ ސްކޫލްގެ ހިންގުން ހަވާލު ކުރި ނަމަވެސް މިހާރު އެ ސްކޫލް ހިންގާ ގޮތަށް ހިންގޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ބެލެނިވެރިންގެ ފަރާތުން ވާހަކަދެއްކި މީހާ ބުންޏެވެ.

"ބިޒް އެޓޯލްސް މޯލްޑިވްސް އާއި ގުޅިގެން ލާލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލް ހިންގާ ތުރުކީގެ ކުންފުންޏަކީ ދުނިޔޭގެ 170 އަށްވުރެ ގިނަ ގައުމުގައި އެފަދަ އިން ސްކޫލް ހިންގަމުން ގެންދާ ކުންފުންޏެއް. މި ސްކޫލް މި ހިންގަނީ ތަރުބިއްޔަތުގެ ބަޔަށް ވަރަށް ބޮޑަށް އިސްކަމެއް ދެވިގެން. އެބޭފުޅުންގެ އެންމެ ބޮޑު ބޭނުމަކީ އިސްލާމީ ސައިންޓިސްޓުންތަކެއް އުފެއްދުން. އެ މަގުސަދުގައި އިސްލާމީ ބައެއް ގައުމުތަކާއި އެހެނިހެން ގައުމުތަކުގައި ވެސް އެ ސްކޫލުން ކިޔަވައިދެމުން ގެންދަނީ،" ބެލެނިވެރިޔާ ބުންޏެވެ.

އޭނާ ބުނީ މިހާރު އެ ސްކޫލް ހިންގާ ކުންފުންޏަށް ދިގު މުއްދަތަކަށް އެތަން ހަވާލުކުރުމަށް ގާނޫނީގޮތުން އެއްވެސް ހުރަހެއް ނެތްކަމަށް ގާނޫނީ ބޭފުޅުންނާ މަޝްވަރާ ކުރެއްވުމުން ލަފާދެއްވާފައިވާ ކަމަށެވެ.

ދޮޅުގަޑިއިރު ވަންދެން މިނިސްޓަރާއި ބައްދަލުކުރެއްވުމަށް ފަހު ބެލެނިވެރިން ބުނީ އެކަމާ މެދު ގޮތެއް ނިންމަވާނީ ސަރުކާރުގެ އިސް ފަރާތްތަކާއި މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށެވެ.

އެ ބައްދަލުވުން ނިމުމާ އެކު ސަންގެ ނޫސްވެރިން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމްއާ ސުވާލު ދެންނެވުމުން ވިދާޅުވީ އެކަމާ ބެހޭ މައުލޫމާތު ފަހުން މީޑިއާއަށް ހިއްސާކުރައްވާނެ ކަމަށެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ލާލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލް ބޯޑު މެންބަރަކު ވިދާޅުވީ 2011 ވަނަ އަހަރު ވެސް ސަރުކާރާ އެކު ކުރެވުނު މަޝްވަރާ ތަކުގައި އެ ކުންފުންޏަށް ބޯޑިން ސްކޫލެއް އެޅުމަށް ބިމެއް ދޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް އަހަރެއް ވެގެން ދިޔައިރު ވެސް އެކަން ކޮށްދެއްވާފައި ނުވާތީ މިއަހަރުގެ ތެރޭގައި ދެވަނަ ފަހަރަށް ސަރުކާރާއި ބައްދަލު ކުރުމުން ބަންޑާރަ ނާއިބްގެ ލަފާގެމަތިން އެކަމަށް ގޮތެއް ނިންމާނެ ކަމަށް ބުނެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"މި އަހަރުގެ ތެރޭގައި ސަރުކާރާއި ބައްދަލުކުރުމުން ބުނެފައި ވަނީ ބަންޑާރަ ނާއިބްގެ ލަފާގެމަތިން އެކަމަށް ގޮތެއް ނިންމާނެ ކަމަށް. ނަމަވެސް އެތަކެއް ދުވަސް ފާއިތުވެގެން ދިޔައިރު ވެސް އެކަމަށް ގޮތެއް ނިންމާފައެއް ނުވޭ،" ސްކޫލް ބޯޑުގެ މެންބަރު ވިދާޅުވި އެވެ.

ލާލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލު ހިންގުމަށް ފަސް އަހަރަށް އެ ކުންފުންޏަށް ދޫކުރީ އެ ކުންފުނިން ހިންގާނެ ސްކޫލެއް އެޅުމަށް ފަހުން ބިމެއް ދޭނެ ކަމަށް ބުނެ ނޭޝަނަލް ޕްލޭނިން ކައުންސިލުން ނިންމުމާ ގުޅިގެންނެވެ. ނަމަވެސް އެ ފަސް އަހަރު މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ހަމަވެފައި ވާތީ ސަރުކާރުން ވަނީ މި އަހަރުގެ ނިޔަލަށް އެ ސްކޫލް ހިންގުމުގެ މުއްދަތު އެ ކުންފުންޏަށް އިތުރުކޮށްދީފަ އެވެ.