ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އިން މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެމްޓީޑީސީ)ގެ މާލީ ހާލަތު ދިރާސާ ކުރުމަށް ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމްޓީޑީސީގެ މާލީ ހާލަތު ދިރާސާ ކުރުމަށް އެޖެންޑާ ކޮށްފައިވާ އިރު އެ ކުންފުނީގެ މާލީ ހާލަތު ރަނގަޅުކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކާއި އެކުންފުނި ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ޓޫރިޒަމަމާ ބެހޭ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން ބިމު ކުލި ނެގުމަށް ގެނައި ބަދަލާ ގުޅިގެން އެ ކުންފުނިން އަމަލު ކުރުމަށް ނިންމާ ފައިވާ ގޮތާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

އެބަޔާނުގައި ބުނެފައި ވަނީ އެމްޓީޑީސީ އާ ގުޅޭ ގޮތުން ހޯދަންޖެހޭ ހުރިހާ މައުލޫމާތެއް މާލިއްޔަތު ކޮމެޓީ އިން މިހާރު ހޯދާފައިވާ ކަމަށާއި މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ފެށުމާ އެކު އެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

މާލިއްޔަތު ކޮމެޓީ އިން އެމްޓީޑީސީގެ މާލީ ހާލަތު ދިރާސާ ކުރުމަށް ނިންމާފައިވާ އިރު އެ ކުންފުންޏަށް މިދިޔަ އަހަރު ވެސް ވަނީ ހަތް މިލިއަން ޑޮލަރު (108 މިލިއަން ރުފިޔާ)ގެ ގެއްލުމެއް ވެފަ އެވެ. އަދި 2011 ވަނަ އަހަރު ވެސް އެކުންފުންޏަށް ވަނީ 965000 ޑޮލަރުގެ ގެއްލުމެއް ވެފަ އެވެ. އެމްޓީޑީސީގެ ހިއްސާދާރުން ރައުސްމާލަށް ބަލާ އިރު އެއަދަދު 2011 ވަނަ އަހަރު 40 މިލިއަން ޑޮލަރުގައި ހުރި އިރު މިދިޔަ އަހަރު ނިމުނު އިރު އެ މިންވަރު ވަނީ 34 މިލިއަން ޑޮލަރަށް ތިރިވެފަ އެވެ.