28 Oct 2010, 08:37
އައިޖީއެމްއެޗްގެ ކެންޓީނުން ކަސްޓަމަރަކަށް ވިއްކި ޗިލީފިޝް ތައްޓެއްގެ ތެރެއިން ކުރަތްޕަތް ފެނިގެން ހޮސްޕިޓަލުގެ ވަރަށް ގިނަ މުވައްޒަފުންނާއި ޑޮކްޓަރުންނާއި ނަރުހުން ކެންޓީނުގެ ހިދުމަތް ހޯދުން ހުއްޓާލައިފި އެވެ.
މީގެ ހަފުތާއެއްހާ ދުވަސް ކުރިން ކެންޓީނުން ސާވް ކުރި ޗިލީފިޝް ތައްޓެއްގެ ތެރެއިން ކުރަފި ފެނުނީ އެ ހޮސްޕިޓަލުގެ ސްޓާފު ނަރުހެއް ކަމަށްވާ އަހުޒީރާ އަހުމަދަށެވެ.
އޭނާ ބުނީ ކެންޓީނުގައި އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަކޮށްފައިވާ ބަޔަށް ސާވް ކުރި ޗިލީފިޝް ތަށީގައި އޮތް ކުރަފި ފެނުނީ އޭނާ އަށް ކަމަށާއި އެކަން ކެންޓީނަށާއި އެތާނގެ ވެރިންނަށާއި ފްޑު އެންޑް ޑްރަގް އޮތޯރިޓީ އަށް ވަގުތުން އަންގައި ސަމާލު ކަމަށް ގެނެސްފައިވާނެ ކަމަށް އޭނާ ބުންޏެވެ.
އޭނާ އަދި ބުނީ ކުރަފި ފެނުނު ފަހުން ވަރަށް ގިނަ ނަރުހުންނާއި ޑޮކްޓަރުން ކެންޓީން ބޭނުން ކުރުން ހުއްޓާލާފައިވާ ކަމަށާއި ނަމަވެސް ހޮސްޕިޓަލުގައި މުވައްޒަފުންނާއި ޑޮކްޓަރުންނާއި ނަރުހުންނާއި ބަލި މީހުން ވެސް ހިދުމަތް ލިބިގަންނާނެ އިތުރު ތަނެއް ނެތުމުން އަދި ގިނަބަޔަކު ކެންޓީނުގެ ހިދުމަތް ހޯދާ ކަމަށެވެ.
"ބޮޑު ހެޔޮވަރު ސައިޒުގެ ކުރަފި އޮތީ ޗިލީ ފިޝް ތަށީގެ ތެރޭގައި ޓޮމާޓޯ ސޯހާ އެކު ފްރައިވެފައި. އޭތި ފެނުނު ފަހުން ވަރަށް ގިނަ މީހުން ކެންޓީނަކަށް ނުދޭ. އެކަމަކު ދާނެ އެނޫން ތަނެއް ނެތީމަ އަދިވެސް ގިނަ ބަޔަކުދޭ،" އަހުރީޒާ ބުންޏެވެ.
އޭނާ ބުނީ ކުރަފި ފެނުމުން ކެންޓީންގެ މެނޭޖްމަންޓަށާއި އެހެން މީހުންނަށް ދެއްކުމުން އެންމެންވެސް ބެލި ކަމަށާއި ނަމަވެސް ކުރަފީގެ ފޮޓޯއެއް ނެގުމުގެ ފުރުސަތު ކެންޓީނުގެ މުވައްޒަފުންދީފައި ނުވާ ކަމަށެވެ.
"އަންގަން ޖެހޭ ފަރާތްތަކަށް އަޅުގަނޑު އެކަން އެންގިން. އެކަމަކު އަދި ފިޔަވަޅެއް ނާޅާ،" އޭނާ ބުންޏެވެ. "ކުރަފި ފެނުނު ފަހުން ހޮސްޕިޓަލުގެ އެހެން މުވައްޒަފަކަށް ވަނީ ކެންޓީނުން ނެގި ހެދިކާއެއްގެ ތެރެއިން އިސްތަށި ފެނިފައި،"
މިކަމާ ގުޅޭ ގޮތުން ފުޑް އެންޑު ޑްރަގު އޮތޯރިޓީގެ އޮފިޝަލެއް ކަމަށްވާ އިސްމާއިލް ޒާހިރު ވިދާޅުވީ އޮފީހުގެ އިސްބޭފުޅުން ނޫޅުއްވާތީ އެފަދަ ކަމެއްގެ މައުލޫމާތު ދެއްވަން ދަތި ކަމަށެވެ. އައިޖީއެމްއެޗުން ވެސް މިކަމާ ބެހޭ މައުލޫމާތެއް ލިބޭ ގޮތެއް ނުވި އެވެ.