މި އަހަރުގެ ބަޖެޓުން ސަބްސިޑީގެ ގޮތުގައި މަސްވެރިންނަށް ދިނުމަށް ހަމަޖެހިފައިވާ ތެލުގެ ސަބްސިޑީ އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީ އިން ބުނެފި އެވެ.

ވެލާނާގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ މަސްވެރިކަމުގެ ސަބްސިޑީގެ 100 މިލިއަން ރުފިޔާގެ ތެރެއިން ތެލުގެ ސަބްސިޑީ އަށް ބެލުމަށް ހަމަޖެހިފައިވާ 60 މިލިއަން ރުފިޔާ އަށް އެދި 1250 މަސްވެރި އުނޅަދު ރަޖިސްޓުރީކޮށްފައިވާ އިރު އަންނަ މަހުން ފެށިގެން އެ ސަބްސިޑީ ދޫކުރުމަށް ހަމަޖެހިފަިއވާ ކަމަށެވެ.

"ތެލުގެ ސަބްސިޑީ އަށް އެދި މިހާރު ވެސް ވަނީ މަސްވެރިކަމުގެ އުލަނދުތައް ރަޖިސްޓުރީކޮށްފައި. ދެން ތެލުގެ ސަބްސިޑީ އަށް އެދޭ ފަރާތްތަކުން އަޅުގަނޑުމެނަށް ހުށައަޅަން ޖެހޭ ލިޔުންތަކެއް ހިމެނޭ، އެހެންކަމުން މިދިޔަ އަހަރު އަޅުގަނޑުމެން ދޫކުރި ގޮތަށް ޖޫން މަހުން ފެށިގެން ތެލުގެ ސަބްސިޑީ ދޫކުރެވެން ފެށޭނެ،" މިނިސްޓާ ޝަފީއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތެލުގެ މަސްވެރިކަމުގެ ސަބްސިޑީގެ ތެރެއިން ކަނދުފަތި ހަރުކުރުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށުމަށް ނިންމާފައިވާ ކަމަށެވެ. އަދި މަސްވެރިކަމުގެ ސަބްސިޑީގެ ދަށުން މަސްފިނިކުރުމުގެ ނިޒާމްތައް ގާއިމް ކުރުމަށް ކަނޑައަޅާފައިވާ 23 މިލިއަން ރުފިޔާ އިން 10 އައިސްޕްލާންޓެއް ގާއިމްކުރެވޭނެ ކަމަށް ލަފާކުރެވޭ އިރު އައިސް ޕްލާންޓްތައް ގާއިމްކުރުމުގައި ބޮޑަށް އިސްކަންދޭނީ މަސްވެރި ސަރަހައްދުތަކުގައި އައިސް ޕްލާންޓްތައް ނެތް ސަރަހައްދުތަކަށާއި އަގުހެޔޮކޮށް އައިސް ވިއްކާނެ ފަރާތްތަކަށް ކަމަށް ވިދާޅުވި އެވެ. އަދި މަސްވެރިކަމުގެ ސަބްސިޑީގެ ދަށުން ސެޓަލައިޓް މެދުވެރިކޮށް މަސް އުޅޭ ސަރަހައްދު އަންގައިދޭ ވަސީލަތް ގާއިމްކުރުމަށް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ޝަފީއު ވިދާޅުވީ ދަނޑުވެރިންނަށް ސަބްސިޑީގެ ގޮތުގައި ދިނުމަށް ނިންމާފައިވާ 49.5 މިލިއަން ރުފިޔާ އަށް އެދި މިހާތަނަށް 3650 ދަނޑުވެރިޔަކު ރަޖިސްޓުރީކޮށްފައިވާ ކަމަށެވެ. އަދި އެސަބްސިޑީ އަށް އެދުމުގެ ފުރުސަތު އެއްމަހުގެ މުއްދަތެއް މިއަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ހުޅުވާލުމަށް ފަހު ވީހާ ވެސް އަވަހަކަށް އެ ސަބްސިޑީ ދޫކުރާނެ ކަމަށް ވިދާޅުވި އެވެ.