އަންނަ މަހު 15ގައި ބުރެޒިލްގައި ފެށުމަށް ތައްޔާރުވަމުންދާ ކޮންފެޑެރޭޝަންސް ކަޕްގައި ވާދަކުރާ ސްޕެއިންގެ ގައުމީޓީމަށް ކުޅުމުގެ ފުރުސަތު، ފެނާންޑޯ ޓޮރޭޒްއަށް ދީފިއެވެ.

ޗެލްސީއަށް މިފަހަރުގެ ޔޫރޮޕާ ލީގު ކާމިޔާބުކޮށް ދިނުމުގައި މުހިއްމު ދައުރެއް އަދާކުރި އަގުބޮޑު ފޯވަޑަށް، މިފަހަކަށް އައިސް ސްޕެއިންގެ ކޯޗު ޑެލް ބޯސްކުގެ ޓީމުން ޖާގައެއް ލިބޭގޮތެއް ނުވެއެވެ.

ޓޮރޭޒް ވަނީ ސްޕެއިންގެ ގައުމީ ޓީމަށް އޭނާ ކުޅުނު 101 މެޗުގައި 31 ލަނޑު ކާމިޔާބު ކޮށްދީފަ އެވެ. އަދި ޗެލްސީއަށް މި ސީޒަންގައި 64 މެޗު ކުޅެފައި ވާއިރު 22 ލަނޑު އެކުލަބަށް ކާމިޔާބު ކޮށްދީފައި ވެއެވެ. އޭގެ ތެރޭގައި ޔޫރޮޕާ ލީގު ފައިނަލް މެޗުގައި ބެންފިކާގެ ގޯލް ހުޅުވާލަދިން މުހިއްމު ލަނޑު ހިމެނެއެވެ.

ސްޕެއިންގެ ކޯޗް ޑެލްބޯސްކް ބުނީ ކުރިން ޓޮރޭޒް އާއި މާޓިނޭޒްއަށް އޭނާގެ ސްކޮޑުން ޖާގަ ނުލިބުނީ އެއީ ރަނގަޅު ވަގުތު ނުޖެހޭތީ ކަމަށާއި އެހެން ނަމަވެސް މިހާރު ހާލަތު ބަދަލުވެ އެ ދެކުޅުންތެރިންނަށް ގައުމީ ޓީމުން ޖާގަ ދޭންޖެހޭކަން އެ ކުޅުންތެރިން ސާބިތު ކޮށްދީފި ކަމަށެވެ.

ސްޕެއިން ޓީމުގެ ހަތަރު ފޯވަޑުންނަކީ ޗެލްސީގެ ފެނާންޑޯ ޓޮރޭޒް، ވެލެންސިޔާގެ ރޮބާޓޯ ސޮލްޑާޑޯ، ބާސެލޯނާގެ ސެސް ފަބްރިގާސް އަދި ޑޭވިޑް ވިޔާ އެވެ. ކޯޗު ބުނީ މިޗޫއާއި، އިމަނޮލް އެޖިރެޓްސް، ލާގޯ އަސްޕާސް ފަދަ ކުޅުންތެރިންނަށް ޖާގަ ނުދިނީ ކީއްވެތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދާނޭ ކަމަށާއި އެހެން ނަމަވެސް މޮޅެތި ހުރިހާ ކުޅުންތެރިން ޓީމުގައި ހިމެނުމަކީ ކުރެވޭނޭ ކަމެއް ނޫން ކަމަށެވެ.

އަންނަ އަހަރުގެ ވޯލްޑް ކަޕަށް ތައްޔާރު ވުމުގެ ގޮތުން އަށް ގައުމު ބައިވެރިވެގެން ބާއްވާ ލޮންފެޑެރޭޝަން ކަޕް ކުރިއަށް ގެންދާނީ އަންނަ މަހުގެ 15 އިން 30ގެ ނިޔަލަށެވެ. އެ މުބާރާތުގައި ޔޫރަޕްގެ ޗެމްޕިއަން ސްޕެއިން ފުރަތަމަ ކުޅެން ޖެހޭނީ ޖޫން 16 ވަނަ ދުވަހު، 2011 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ޗެމްޕިއަން އުރުގުއާއީއާ ދެކޮޅަށެވެ.

މުބާރާތް ފެށުމުގެ ކުރިން 23 ކުޅުންތެރިންނަށް ދަށްކުރާ ގޮތަށް ނަގާފައިވާ 26 ކުޅުންތެރިންގެ ސްކޮޑްގައި ޓޮރޭޒްގެ އިތުރުން އިނގިރޭސި ލީގުގައި ކުޅޭ އިތުރު އަށް ކުޅުންތެރިއަކަށްވެސް ވަނީ ފުރުސަތު ދީފައެވެ. ހަމަ އެހެންމެ ރެއާލްގެ ގޯލްކީޕަރު އަދި ސްޕެއިންގެ ކެޕްޓަން އިކާ ކަސިއަސް އަށް ޓީމުން ޖާގަ ދީފައި ވާއިރު، އަނިޔާގެ ސަބަބުން، ބާސާގެ ކާލްސް ޕުޔޯލްއާއި ސެވިއްޔާގެ ފޯވަޑް، އަލްވާރޯ ނެގްރެޑޯ ވަނީ ޓީމުން ބާކީ ކޮށްފައެވެ.