ބްރަސަލްސް (މޭ 28): ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް ހަތިޔާރުފޯރުކޮށްދިނުން މަނާކުރާ ޔޫރަޕްގެ އިއްތިޙާދުގެ ޤަރާރު އުވާލިކަމަށް ވިދާޅުވެ އިނގިރޭސި ޚާރިޖީ ވަޒީރު ދެއްކެވި ވާހަކަތައް އޮސްޓްރިޔާގެ ޚާރިޖީ ވަޒީރު މައިކަލް ސިބިންޑްލީގާ ދޮގުކުރައްވައިފި އެވެ.

ބްރަސަލްގައި ބޭއްވި ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމަށް ފަހު ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި މައިކަލް ސިބިންޑްލީގާ ވިދާޅުވީ ސޫރިޔާގެ އިދިކޮޅު ފަރާތްތަކަށް ހަތިޔާރުފޯރުކޮށްދިނުން މަނާކުރުމަށް ޔޫރަޕްގެ އިއްތިޙާދުން ފާސްކޮށްފައިވާ ގަރާރަށް ޢަމަލުކުރުން ހުއްޓާލުމަށް އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުން ކުރިމަސައްކަތް ކާމިޔާބުވެފައިނުވާ ކަމުގަ އެވެ. މިކަމާބެހޭ ގޮތުން ޔޫރަޕްގެ ޚާރިޖީ ވަޒީރުން ވަރަށް ދިގުކޮށް މަޝްވަރާ ކުރެއްވި ކަމަށާއި ނަމަވެސް އެއްބަސްވުމަކަށް އާދެވިފައިނުވާ ކަމަށް ސިބިންޑްލީގަރ ވިދާޅުވި އެވެ.

ބްރަސަލްސްގައި ވާހަކަ ދައްކަވަމުން ވިލިޔަމް ހޭގް ވަނީ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް ހަތިޔާރުފޯރުކޮށްދިނުން މަނާކުރާ ޤަރާރަށް ޢަމަލު ނުކުރުމަށް އޭނާގެ ގައުމާއި ފަރަންސޭސިވިލާތުން ހުށަހެޅި ހުށަހެޅުމަށް ޔޫރަޕްގެ ޚާރިޖީ ވަޒީރުން ތާއީދު ކުރެއްވި ކަމަށް ވިދާޅުވެ ބަޔާނެއް ދެއްވާފަ އެވެ. ސޫރިޔާގެ އިދިކޮޅު ފަރާތްތަކަށް ހަތިޔާރުފޯރުކޮށްދިނުން ހުއްދަކުރުމަށް ޔޫރަޕްގެ ޚާރިޖީ ވަޒީރުން ނިންމެވި ނަމަވެސް ސޫރިޔާ ސަރުކާރާ ދެކޮޅަށް ޔޫރަޕުންއަޅާފައިވާ އެއްވެސް ފިޔަވަޅެއް އުވާނުލާކަމަށް ވެސް ހޭގް ވިދާޅުވެފައިވެ އެވެ.

ސޫރިޔާ ސަރުކާރާ ދެކޮޅަށް ޔޫރަޕުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައިހަތިޔާރު ވިއްކުން މަނާކުރުމުގެ އިތުރުން އިޤްތިސާދީ އަދި މާލީދަތިކުރުމުގެ ފިޔަވަޅުތައް ހިމެނެ އެވެ. ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް ހަތިޔާރު ފޯރުކޮށްދިނުމަށް ބޭނުންވަނީ ސޫރިޔާގެ މައްސަލަ ސުލްޙަވެރި ގޮތުގައި ޙައްލުކުރުމަށް ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރުމަށްޓަކައި ކަމަށް އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުން ބުނެ އެވެ. ނަމަވެސްސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް ހަތިޔާރުފޯރުކޮށްދިނުން ހުއްދަކުރުމަކީ ސޫރިޔާގެ މައްސަލައަށް ސުލްހަވެރި ޙައްލެއް ހޯދުމަށް ކުރެވޭ މަސައްކަތަށް އެޅޭނެ ހުރަހެއްކަމަށް ޔޫރަޕްގެ ގިނަ ގައުމުތަކުން ދެކޭ ކަމަށް އޮސްޓްރިޔާގެ ޚާރިޖީ ވަޒީރު މައިކަލް ސިބިންޑްލީގަރ ވިދާޅުވި އެވެ. (އަލްޖަޒީރާ)