ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް (އެފްއެޗްޓީއެސް) އަށް 26 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން އެ ފެކަލްޓީގެ ދަރިވަރުން "ފަތުރު" ނަމުގައި މާލޭގެ މަގުތަކުގައި ރޯޑް ޝޯއެއް ބޭއްވުމަށް ހަމަޖައްސައިފި އެވެ.

އެފްއެޗްޓީއެސްގެ ސެމިނާ ރޫމްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފަތުރު އިންވެންޓް އިންތިޒާމް ކުރުމުގައި ފެކަލްޓީގެ ފަރާތުން ހަރަކާތްތެރިވާ، އެތަނުގެ ލެކްޗަރާ އަނިލް އާދަމް ވިދާޅުވީ، އެފްއެޗްޓީއެސް އަށް 26 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބާއްވާ އެ ހަފްލާއަކީ އެ ފެކަލްޓީގައި ފަތުރުވެރި ކަމުގެ ދާއިރާއިން ޑިގްރީއަށް ކިޔަވަމުން ގެންދާ 40 ދަރިވަރެއްގެ އެސެސްމަންޓުގެ ބައެއް ކަމަށެވެ.

"މި އިވެންޓަކީ މިހާރު މި ފެކަލްޓީގައި ކިޔަވަމުން ގެންދާ ވަރަށް ގިނަ ދަރިވަރުންތަކެއްގެ ޑިގްރީ ފުރިހަމަ ކުރުމަށް ޓަކައި ކިޔަވަން ޖެހޭ މޮޑިއުލެއްގައި ހަދަން ޖެހޭ އެސެސްމަންޓެއްގެ ކޮމްޕޮނެންޓެއް،" އަނިލް ވިދާޅުވި އެވެ.

އަނިލް ވިދާޅުވީ 31 މޭ 2013 ވާ ހުކުރު ދުވަހު ހަވީރު 3:45ގައި ޒުވާނުންގެ މަރުކަޒު ކައިރިން ފެށުމަށް ހަމަޖެހިފައިވާ ފަތުރު ރޯޑްޝޯގައި ތަފާތު އެކިއެކި މުނިފޫހި ފިލުވުމުގެ ހަރަކާތްތައް އެ ޝޯގައި ކުރިއަށް ގެންދާނޭ ކަމަށެވެ.

"އިވެންޓް ފަށާނީ ހަވީރު 3:45ގައި ޒުވާނުންގެ މަރުކަޒު ކައިރިން، ދެން މަޖީދީ މަގުން އިރަށް ގޮސް ރާޅުގަނޑު ސަރަހައްދު ކައިރިއަށް ޝޯ ނިންމާލާނީ. އިވެންޓުގައި ސްކޫލް ކުދިންގެ ބްރާސް ބޭންޑުގެ ޕާފޮމެންސެއް އޮންނާނެ. އޭގެ އިތުރަށް އެކި ކަހަލަ ފްލޯޓްސްތައް އޮންނާނެ. އޭގެ ތެރެއިން ބައެއް ފްލޯޓްސް ތަކަކީ، ޓޫރިޒަމްގައި މިހާރު ބޭނުން ކުރެވެމުންދާ ބައެއް ކޮންސެޕްޓް ތައް ދައްކުވައިދޭ ފްލޯޓްސް ތަކެއް،" އަނިލް ވިދާޅުވި އެވެ.

ފެކަލްޓީގެ ފަރާތުން ފަތުރު ރޯޑްޝޯ އިވެންޓު އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން މައުލޫމާތު ދިން ގޮތުގައި މި އިވެންޓް އެންމެ ބޮޑަށް އަމާޒު ކުރެވޭނީ ޒުވާނުންނާއި ކުޑަކުދިންނަށެވެ. އެގޮތުން ޝޯގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ހެދި ބޮޑުވަމުން އަންނަ ޒުވާނުން، ފަތުރު ވެރިކަމުގެ ދާއިރާއަށް ހޭލުން ތެރިކުރުވުމާއި، އެފަރާތް ތަކަށް ބޭނުންވާ މައުލޫމާތުތައް ފޯރުކޮށްދިނުމާއި، އެފްއެޗްޓީއެސްގައި ކުރިއަށް ދެވެން ހުރި ފުރުސަތުތައް އަންގައި ދިނުމާއި އަދި އެދާއިރާ އަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް ކުރިއަށް ދެވެން ހުރި ރޮނގުތަށް އަންގައި ދިނުން ހިމެނެއެވެ.

ހުކުރު ދުވަހުގެ ރޭގަނޑު 11 ޖަހަންދެން ރާޅު ގަނޑު ސަރަހައްދުގައި ކުރިއަށް ގެންދާ ފަތުރު ރޯޑްޝޯގެ މުނިފޫހި ފިލުވުމުގެ ހަރަކާތްތައް ކުރިއަށް ދާއިރު އެތަނުގައި ވަރަށް ހާއްސަ ލަކީ ޑްރޯއެއް ކުރިއަށް ގެންދުއުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ލަކީ ޑްރޯގެ އެއްވަނަ، ދެވަނަ އަދި ތިންވަނަ އަށް އަންނަ ފަރާތްތަކަށް ރިސޯޓެއްގައި ދެ ރޭ ހޭދަ ކޮށްލުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ. އަދި އެގަޑީގައި އެތަނުން 50 ރުފިޔާ އަށް ވިއްކާ ކޫޕަނެއް ބައްލަވައިގަނެގެން ނަސީބުވެރި ފަރާތަކަށް، މެގަ މޯލްޑިވްސްއިން ބެއިޖިންއަށް ދެމީހެއްގެ ދެކޮޅު ޓިކެޓް ހޯދުމުގެ ފުރުސަތާއި، އަދި އޮމާން އެއާލައިންސް އިން ދުބާއީއަށް ދެފަރާތެއްގެ ދެކޮޅު ޓިކެޓް ހޯދުމުގެ ފުރުސަތު ވެސް ހުޅުވިގެންދާނެ އެވެ.

އެފްއެޗްޓީއެސްއިން ބުނީ 26 އަހަރު ފުރުމުގެ ގޮތުން ބާއްވާ އެ ހާއްސަ އިވެންޓުގައި އެ ފެކަލްޓީގެ ދަރިވަރުންގެ އިތުރުން ފެތަނުގައި ކުރިން ކުޔެވި ދަރިވަރުންވެސް ބައިވެރި ވުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ.