ހެނދުން އަޅާނެ ގޮތާއި ޒީނަތްތެރިވާނެ ގޮތުގެ މައުލޫމާތުދިނުމާ ބެހޭ ބައްދަލުވުމެއް ބާއްވަން ޒުވާނުންގެ މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ ޔޫތު ކައުންސިލިން ސާވިސް އިން ނިންމައިފި އެވެ.

ޒުވާނުން މިނިސްޓްރީ އިން ބުނެފައި ވަނީ ޒުވާނުނަށް އަމާޒުކޮށްގެން ބާއްވާ އެ ބައްދަލުވުގެ މަގުސަދަކީ އެކި ހަފްލާތަކަށް ދާއިރު ހެނދުން އަޅާނެ ގޮތާއި ހެދުމާ ގުޅޭ ގޮތަށް މޭކްއަފްކޮށް ހެއާސްޓައިލް ބަހައްޓާނެ ގޮތާ ބެހޭ މައުލޫމާތު ޒުވާނުންނަށް ދިނުން ކަމަށެވެ.

އެ ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ މީހުން އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ކުރިން ޒުވާނުންގެ މަރުކަޒުގައި ނަން ނޯޓް ކުރަން ޖެހޭ ކަމަށާއި އެ ބައްދަލުވުމުގައި ބައިވެރިވެ ވޭނީ އުމުރުން 16 އަަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް ކަމަށް ވެސް ޒުވާނުންގެ ވުޒާރާ އިން ބުނެ އެވެ.

ޒުވާނުންގެ ވުޒާރާ އިން އިތުރަށް ބުނީ އެ ބައްދަލުވުމުގައި މައުލޫމާތު ދެއްވާނީ ކަމުގެ ތަޖުރިބާ ހުރި ފަންނީ މީހުން ކަމަށާއި ދެ ޖިންސަށް އަމާޒުކޮށް ކުރިއަށްގެންދާ އެ ބައްދަލުވުން ބާއްވަން ހަމަ ޖައްސާފައި ވަނީ އަންނަ ޖޫން މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ހަތް ވަނަ ދުވަހުގެ ނިޔަލަށް ޒުވާނުންގެ ސެމިނާރޫމްގަ ކަމަށެވެ.