28 May 2013, 15:48
ނިދާފައި އޮއްވައި ތޫނު އެއްޗަކުން ބޮލުގައި ޖަހައި ލ. ގަން ތުނޑި، އަސުރުމާގޭ މުހައްމަދު ހަސަން، 51، މަރާލި މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރި މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި އެވެ.
ހައިކޯޓުން އާދީއްތަ ދުވަހު އެގޮތަށް ހުކުމް ކޮށްފައި ވަނީ މުހައްމަދު ހަސަން މަރާލުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރި ލ. ގަން ތުނޑި، ވިދާތަރި އަހްމަދު ނިޔާޒުގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކުރި މައްސަލަ އޭނާ ހައިކޯޓުގައި އިސްތިއުނާފު ކުރި ކުރުމުން އެ މައްސަލަ ބެލުމަށް ފަހު އެވެ.
ކްރިމިނަލް ކޯޓުން އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ އޭނާ ދޫކޮށްލައިފި ނަމަ ހެކި ފޮރުވައި، ހެކި ނައްތާލަން މަސައްކަތް ކޮށްފާނެތީ އާއި މިވަގުތު އޭނާ ދޫކޮށްލައިފި ނަމަ އެހެން ބައެއްގެ ފަރާތުން އޭނާ އަށް ގެއްލުން ލިބިދާނެ ކަމަށް ބެލެވޭތީ އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން އަހްމަދު ނިޔާޒުގެ ގާނޫނީ ވަކީލު މުހައްމަދު ޝާހު ވިދާޅުވީ ހައިކޯޓުގެ އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.
މުހައްމަދު ހަސަން މަރާލި މައްސަލައިގެ ތުހުމަތުގައި ނިޔާޒުގެ އިތުރުން ފުލުހުން ހައްޔަރުކޮށްފައި ވަނީ ލ. ގަން ތުނޑި، ވިދާތަރި ފާތިމަތު އަހްމަދު،40، އާއި ހަމަ އެ ރަށު ހިޔާވެޔޮ ހުސައިން ވަހީދު، 24، އާއި ހަމަ އެރަށު މުޝްތަރީވާދީ ހުސައިން ނިޔާޒު، 25، އެވެ.
މި ދިޔަ މާޗް މަހުގެ 13 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ލ. ގަން ތުނޑީ އަވަށުގެ ގެއެއްގައި މުހައްމަދު ހަސަން ނިދާފައި އޮތްވާ ބަޔަކު ދިންހަމަލާގެ ސަބަބުން އޭނާގެ ބޮލުގެ ކަނާތްފަރާތުގެ ނާށިގަނޑުން ހަތަރު ތަނެއް ފަޅައިގެން ގޮސް ރެނދުލާފައިވެ އެވެ.
އެ ހާދިސާ ހިނގުމާ އެކު އޭނާ ވަގުތުން ގެންދިޔައީ ގަމު ރީޖަނަލް ހޮސްޕިޓަލަށެވެ. އެތަނުން އޭނާ އަށް ފަރުވާދެމުން ގެންދިޔައިރު ކަންފަތާ ނޭފަތުން ލޭ ފޭބިއިރު، ބްލަޑް ޕްރެޝަރު (ބީޕީ) ވެސް ހުރީ ވަރަށް ދަށުގައި ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.
އިތުރު ފަރުވާ ދިނުމަށް މާލެ ގެނައިރު ވެސް ހޭނެތިފައި އޮތް މުހައްމަދު ހަސަން ނޭވަލަމުން ގެންދިޔައީ ވެންޓިލޭޓަރުގެ އެހީގަ އެވެ.
އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް އޭނާ މަރުވެފައި ވަނީ މި މަހުގެ 14 ވަނަ ދުވަހުގެ ރޭ 11:25 އެހައިކަންހާއިރު އެވެ.