ސަރުކާރުން ބޭރުގެ އެކި ގައުމުތަކުގައި ހުޅުވާފައިވާ މިޝަންތަކުގެ ހަރަދުކުރަން ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުއްސަމަދު އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

"ސަން"އާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެކަށީގެންވާ މިންވަރަށް ބަޖެޓް ނުލިބުމުން މެލޭޝިއާ ހައިކޮމިޝަންގެ ކައުންސިލަރު ހަސަން ހާލިދާއި އިންޑިއާގައި ހުންނަ ހައިކޮމިޝަންގެ ޑެޕިއުޓީ ހައިކޮމިޝަނަރު ހަދީޖާ އިބްރާހިމް ދީދީ މަގާމުން ވަކިކުރައްވާފައިވާ ކަމަށެވެ.

"ބޭރުގެ މިޝަންތަކުގެ ހަރަދަށް ވަރަށް ބޮޑުއެއްޗެއް އެބަ ހޭދެވޭ. ހާއްސަކޮށް މުސާރައިގެ އިތުރުން ސިޔާސީ ބޭފުޅުންގެ ކުލީގެ ގޮތުގައި ވަރަށް ބޮޑު އެއްޗެއް ދައްކަން ޖެހޭ. ވަރަށް ގިނަ ކަންތައްތަކަށް ބެލުމަށް ފަހު އެ ބޭފުޅުން މަގާމުން ވަކިކުރައްވަނީ،" ޑރ. ސަމަދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ބޭރުގައި 13 މިޝަނެއް ހިންގާ އިރު ބައެއް ތަންތަނުގައި ދެ ބޭފުޅުން ވެސް މަސައްކަތްކުރައްވާ ކަމަށެވެ. އެހެންވެ މިޝަންތައް ހިންގަވަނީ ވަރަށް ދަތިކޮށް ކަމަށް ޑރ. ސަމަދު ވިދާޅުވި އެވެ.

"ބައެއް ތަނުގައި އުޅުއްވާ ބޭފުޅުންގެ އެޕާޓްމަންޓް ކުލީގެ ގޮތުގައި އަހަރަކު 3.5 މިލިއަން ރުފިޔާ ހަރަދުވޭ. އެހެންވީމާ ހަރަދުކުޑަކުރަން ބައެއް ބޭފުޅުން ވަކިކުރެއްވީ. އަދި ހަރަދު ކުރާނެ ފައިސާ ނެތުމުން މެއިންޓަނަންސް އާއި ރިޕެއާކުރުމުގެ މަސައްކަތްތައް ވެސް ނުކުރެވި އެބަހުރި،" އޭނާ ވިދާޅުވި އެވެ.